ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) އޮފީހުން ބުނެފިއެވެ.
މޫސުމާއި ބެހޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނި ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ހަމައަށް ފޯރާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް ދަންނަވާކަމަށެވެ.
ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ. ވީމާ އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.
މެޓް އޮފީހުން ނެރެފައިވާ ސަމާލު މެސެޖުގައި ބުނެފައިވެއެވެ.
ޚާއްސަކޮން ގޮޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި، މޫދަށް އެރި އުޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުން އެދޭކަމަށާއި އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކައުތެރިކަމަށްވެސް ވިސްނެވުން އެދޭކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ލަފާކޮށްފައި ވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!