ކޭލުގައި ތައްޔާރުކުރާ ކާނާގެ ބާވަތެއް ކަމަށްވާ "ކޭލު ފޯ" ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކޭލުން ތައްޔާރުކޮށް އުޅުނު ކާނާގެ ބާވަތެކެވެ. ތިޔަ ރަށުގައި އެއްވެސް އިރެއްގައި "ކޭލު ފޯ" ތައްޔާރު ކުރިހެއްޔެވެ؟

މި ކާނާގެ ބާވަތާއި ގުޅިގެން އެކި ރަށްރަށުގައި ޒަމާންވީ ހަނދާންތަކެއްވެސް އެބަހުއްޓެވެ. މިފަހަރު އަނެއްކާވެސް މިގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން " ކޭލު ފޯ" އާއި ގުޅިފައިވާ ހދ. ފިނޭގެ ހަނދާންތަކާއި، އެ " ކޭލު ފޯ" ތައްޔާރު ކުރާނެ ގޮތެވެ.

Ad
rt

ވަރުދާ އަޅުގަނޑުމެންނާއި އެކު ޖެހިލަނީ މީގެ 35 ވަރަކަށް އަހަރު ކުރިއަށެވެ. އެއީ ވަރުދާގެ ވަރަށް ޅަ އުމުރެވެ. ވަރުދާ އެ ހަނދާންތައް އައު ކޮށްލައި، މިވާހަކަތައް ކިޔައިދިނީ ދުވަސްވީ މީހުންކައިރީ އަހައިވެސް ލައިގެންނެވެ.

ރަށުގެ ބެރެބެދި ގަހުގައި މައު އަޅައި ފައްކާވުމުން، " މާ " ނަކަތާއި ބައްދަލުވެއްޖެކަން ފިނޭ މީހުންނަށް އެނގެއެވެ. އެދުވަސްވަރު " މާ މަސް " އައީ ކަމަށްވެސް އެރަށު މީހުން ކިޔައެވެ. ފިނޭގައި ފޯ ތައްޔާރުކުރާ ނުވަތަ ފޯ ހިލާ މޫސުމަކީ އެއީ އެވެ.

ބެރެބެދި ގަހުގައި މައު އަޅައި ފައްކާވުމުން ރަށުގެ ފިރިހެންވެރިން އެއްތަނަކަށް ޖަމާވެ، ފޯ ތައްޔާރު ކުރާނެ ދުވަހެއް ކަނޑައަޅައެވެ. މިމަޝްވަރާއިން ނިންމާ ދުވަހެއްގައި އެރަށު މީހުން ފޯހިލައެވެ. އެރަށުގައި މައިގަނޑު ގޮތެއްގައި ހިލަނީ ކޭލު ފޯއެވެ. އެ ނޫން ފޯވެސް ހިލައި އުޅޭކަމަށް ވެއެވެ.

ފޯ ހިލަން ކަނޑައަޅާ ދުވަހަށް އަންހެން ވެރިން ފޯ ހިލައެވެ. ފޯ ހިލުމަށްފަހު އެރޭ ފިރިހެން ވެރިން އިޝާނަމާދުން ފައި ބައިގެން ގެއަށް އަންނަން ވާއިރަށް ކޮންމެ ގެއެއްގެވެސް އަންހެންވެރީން ހުންނާނީ ފޯ ދޮލަނގެއް ތައްޔާރު ކޮށްފައެވެ.

ދެން ފިރިހެން ވެރީން، އެމީހެއްގެ ގޭގައި ހިލި ފޯ ދޮލަނގު ހިފައިގެން ދަނީ ޒިޔާރަތް ދޮށަށެވެ. ފޯ ކަނީ އެތަނަށް ގޮސް ސޮލަވާތް، ފާތިހާ ކިޔެވުމަށްފަހުއެވެ. ފިރިހެންވެރީން ފޯ ކައިގެން ޒިޔާރަތް ދޮށުން ގެއަށް އައުމުން ދެން އޮންނަނީ ފޯ މާލި ހެދިގެން ރަށުގެ ޅަފުރާގެ ކުދިން ފޯ ހޯދަން ގޭގެއަށް ދިއުމެވެ.

ފިނޭ ޒިޔާރަތް، ފޮޓޯ: ހަސަން ނަޖުމީ

ފޯމާލި ހެދޭ ގޮތަކީ އެއީ ކޮން ކުއްޖެއްކަން ނޭނގޭ ގޮތަށް ގައިގައި ރޯ ފަން އޮޅައިގެންނެވެ. ފޯމާލި ހެދުމަށް ރޯ ފަނުގެ އިތުރުން ބޮންތި ފަންވެސް ބޭނުން ކުރެއެވެ. ފޯ މާލި ހެދިގެން ގޭގެއަށް ދިޔުމުން އެ ގޭ މީހުންނަށް އެއީ ކޮން ގެއެއްގެ ކުދިންނެއް ކަން ވަކިކުރާކަށް ނޭނެގޭ ވަރަކަށް އެކުދިން ތިބެނީ މާލި ހެދިގެންނެވެ.

އެކުދީން ރަށުތެރެއަށް ފޯ ހޯދަން ނުކުންނަން ވާއިރަށް ފިރިހެންވެރީން ހުންނާނީ ކަށިކެޔޮފަތުގައި ގޮށި ހަދައި، ފައްޗަކަށް އެ ގޮށިތައް ބަދިގެ ދޮރުމަތީ އެލުވާފައެވެ. އެ ގެއަކުން ލިބޭ ފޯ އަޅަން ކުދީން ގޮށި ނަގަނީ ބަދިގެ ދޮރުމަތީ އެލުވާފައި ހުންނަ އެ ގޮށި ފަތިންނެވެ.

ފިނޭ މީހުން ކަށި ކޭލު ފަތުގައި ހަދާ ގޮށި

ވަރުދާމެން ޅަފުރާގެ ކުދީންނަށް ފޯ މާލި ހެދިގެން ރަށުތެރެއަށް ނުކުމެ ކޮންމެ ގެއެއް ދޮށަށް ގޮސް އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވައިލައެވެ. އެއަށް ފަހު، " ކަލަ ކަލޯ ފޯ ކޮޅެއް " މިހެން ގޮވާލަމުން އެ ކުދީން އަތުގައި އޮންނަ ގޮއްޓަށް ކޮންމެ ގެއަކުން ފޯ ގުޅައެއް ލައިދެއެވެ. ދެން އަނެއްކާވެސް އަނެއް ގޭ ދޮށަށް ދަނީއެވެ.

"ކަލަ ކަލޯ ފޯ ކޮޅެއް" ގޮވައި ލުމުގައި "ކަލަ" ބޭނުން ކުރަނީ އަންހެން ވެރިންނަށް ނިސްބަތްކޮށް ކަމަށް ވެދާނެ ކަމަށާއި، "ކަލޯ" ބޭނުން ކުރަނީ ފިރިހެން ވެރިންނަށް ވެދާނެ ކަމަށް ވަރުދާ ބުންޏެވެ.

މިވާހަކަ ވަރުދާ ކިޔައި ދިނީ ކުރުކޮށް ފޮނިކޮށްނެވެ. ތިޔަ ރަށުގައި މިކަން ކުރިގޮތް މުޅިން ތަފާތު ދެއްތޯއެވެ؟ ދެން ކޭލުގައި ފޯ ތައްޔާރު ކުރާގޮތް ބަލައިލަން ހިނގާށެވެ.

ކޭލު ފޯ ތައްޔާރު ކުރާނެގޮތް

ބޭނުންވާ ތަކެތި

3 ވައް މާޅޮސްކެޔޮ
2 ޖޯޑު ގަބުޅި ހުނި
1/2 1 ޖޯޑު ހަކުރު
4 ރާނބާފަތް
1/2 1 މޭޒުމަތީ ސަމުސާ ގޮދަންފުށް

ތައްޔާރު ކުރާނެގޮތް

ފުރަތަމަ ކެޔޮވައްތައް ތޮށި ނުމަށާ ހުރިގޮތަށް ފެނުކައްކާލާށެވެ. ރަނގަޅަށް މަޑުވުމުން ތައްޓަކަށް ނަގައި ހިހޫކޮށްލާށެވެ. އެއަށްފަހު ކެޔޮވައްތައް ތޮށި ނަގައި ކަރުގަނޑު ނަގާށެވެ. ދެން ތައްޓަކަށް ކެޔޮކޮޅު އެޅުމަށްފަހު، ގަބުޅިހުނި އަޅާ ރަނގަޅަށް މޮޑެލާށެވެ.

މޮޑެވުމުން ހަކުރުކޮޅު ވެސް އޭގެތެރެއަށް އަޅާ ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ރާނބާފަތްކޮޅު
ތާހަކަށް އަޅާ މަޑުގިނީގައި ހިލަމުންގެންދާށެވެ. ދޭފަތަށް ރަނގަޅަށް އޮޅޭވަރަށް ހިލާށެވެ. އޭރުން ފުށްގަނޑު ހުންނާނީ ތާހުން ވަކިވެފައެވެ.

ދެން ގޮދަންފުށްކޮޅު އަޅާ ރަނގަޅަށް ހިލުމަށްފަހު، އުނދުން މަތިން ބައިލާށެވެ. ދެން އަތުގައި ފެންފޮދެއް ހާކާލާފައި، ކުދިކޮށް ގުޅަ ވަށައިލާށެވެ.

ރަށްފުށުގެ އިހުގެ އާދަ ކާދަތަކުގެ ތެރެއިން ވަރުދާ މިފަހަރު މިކިޔައިދިނީ ފޯ ހިލުމުގެ ފިނޭގެ ހަނދާންތަކެވެ. ތިޔަ ރަށުގައި ފޯ ހިލި ހެއްޔެވެ؟ އަޅުގަނޑުވެސް ކުޑައިރު ރަށުގައި ކަށިކެޔޮ ފޯ ހިލާ ހަނދާންވެއެވެ. މިހާރުވެސް މަދުމަދުން ނަމަވެސް ކަށިކޭލު ފޯ ހިލައެވެ. އަދިވެސް ރާއްޖޭގެ ބައެއް ރަށް ރަށުގައު ފޯހިލައި އުޅެއެވެ.