އަދިވެސް ހޭއަރާކަށް ނުވޭތޯއެވެ. ރަށުމީދާ ރަށަށް ގަދަވާނޭ ކިޔާ އަޅާނުލައި ކޮންމެގޮތެއް ވިޔަސް ވަރިހަމަ ކޮށްލައިގެން ތިބެންވީތޯއެވެ؟ ބީދޭސީންގެ މައްސަލަ ބޮޑުވެފައިވާ މިންވަރު މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އިވުނު އަޑުތަކާއި ފެނުނު މަންޒަރުތަކުން އެނގި ހާމަނުވޭތޯއެވެ.
އާދޭހެވެ. މި ދައްކަން އުޅެނީ ބިދޭސީންގެ ވާހަކައެވެ. އެމީހުންގެ ޢަދަދު ގިނަކަމުގެ ވާހަކައެވެ. ރަށު މީހާއަށްވުރެ ނުވަތަ ދިވެހިންނަށްވުރެ ދިވެހި ބިމުގައި އެމީހުންގެ ބާރުގަދަކަމުގެ ވާހަކައެވެ. އެކަމުގެ ނުރައްކަލުގެ ވާހަކައެވެ. މިއީ އިއްޔެއަކު މިއަދަކު ދައްކަމުންދާ ވާހަކައެއްނޫނެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް އެކަމާއި އަޅައިނުލެވިވާ ޤައުމީ ބޮޑު މި މައްސަލަ ޙައްލުކުރުމުގައި ދިވެހި ސަރުކާރުތައްވަނީ ފެއިލްވެފައެވެ.
ޤައުމުގެ އާބާދީއާއި އެއް ޢަދަދަކަށް ނުވަތަ އެއަށްވުރެވެސް ޢަދަދުގެ ގޮތުން ޤައުމުގައި ބިދޭސީން ގިނަވުމަކީ ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ޢިލްމެއް ޙިިލްމެއް އަދި އަދަބު އަޚްލާޤު އެއީ ކޮންއެއްޗެއްކަން ނުދަންނަ ބަޔަކު މަސައްކަތްތެރިންގެ ނަމުގައި ޤައުމަށް އެތެރެކޮށް އަޅާނުލައި ދޫކޮށްލުމުގެ ހިތި ނަތީޖާއާއި މިއަދުމިވަނީ ކުރިމަތިލާންޖެހިފައެވެ. ކުޑަ ޢުޖޫރައަކަށް މަސައްކަތް ކުރެވޭތީ ކަން ފަސޭހައަކަށް އެމީހުންލައްވައި ހުރިހާކަމެއް ކުރަމުންއައީ ދިވެހިން އަމިއްލައަށެވެ. ޢުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރާތީ އަދި އެކަމާ ޝަކުވާ ކުރުމުން ދޮގެއް ހަދާލައިގެން ވިޔަސް އެމީހުން ރަމަތަ ކޮށްލެވޭތީ ދިވެހިން ތިބީ އެމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލައިގެންނެވެ.
ވަކި ކަމެއްނޫނެވެ. ހުރިހާ ކަމެކެވެ. ވިޔަފާރި ތަކާއި އަމިއްލަ ގެދޮރާއި އަނބި ދަރިންވެސް މެއެވެ. ސަރުކާރުގެ މުޢައްސަސާތަކުގެ ގިނަ މަޤާމުތަކެއްގައި ވެސް ބިދޭސީން ގެންގުޅެނީ މަދެއްކޮށެއްނޫނެވެ. އަދި ވަޒީފާތަކުގައި ބިދޭސީން ގެންގުޅެމުންދަނީ އެ ވަޒީފާތަކަށް ދިވެހިން ނުލިބިގެނެއްވެސް ނޫނެވެ. ސަރުކާރު ބައެއް ވުޒާރާތަކުގައި މަސައްކަތުއުޅޭ ބައެއްމީހުން ގެއަށް ގެންދަން މަހެއްގެ މައްޗަށް ދިހައެއް ނުވަތަ ބާރަހާސް ރުފިޔާވެސް ލިބެމުންދެއެވެ. ދިރިއުޅޭނެ ތަނަކާއި ކެއުން ބުއިން އަދި ޗުއްޓީއަށް ދާނަމަ ދެކޮޅު ޓިކެޓުވެސް ދެނީ ސަރުކާރުންނެވެ.
ވަޒީފާގައި ދިވެހިންތިބި ދާއިރާތަށް އުވާލައި އަދި ދިވެހިން އެދިއެދި ތިބި ދާއިރާތައް ބިދޭސީންނަށް ޚާއްޞަކުރުމަށްޓަކައި އަމިއްލަ ކުންފުނިތަކަށް ދީގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. މައްސަލައަކީ ކުންފުނިތަކަށް ދިނުމެއްނޫނެވެ. މައްސަލައަކީ ކުންފުނިތަކުގެ ދަށަށް މަސައްކަތްތައް ދޫކޮށްލާއިރު އެ މަސައްކަތްތައް ކުރުވަންވާނީ ދިވެހިން ކަމުގައި ޝަރުތުކޮށްފައި ނެތުމެވެ. ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ބެލެހެއްޓުން ދަތި އުނދަގޫ ކަމަކަށް ވެދާނެކަމަށް ޤަބޫލްނުކުރަނީކީ ނޫނެވެ.
މިކަމުގެސަބަބުން އެމީހުންނަށް ދިވެހިން ދަސްވާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. މަކަރުވެރިކަން ބަލިކުރެވޭނީ އެއަށްވުރެ މޮޅު މަކަރަކުންނޭ ބުނާ ބުނުން އެމީހުންގެ ސިކުނޑިއަށްވެސް ވަދެ ސަވާރުވިއެވެ. މަކަރު ހަދައި އޮޅުވާލައިގެން ޢުޖޫރަނުދީ މަސައްކަތް ކުރަމުންދާ ދިވެހިންގެ ކިބައިން ބަދަލު ހިފުމަށް އެމީހުންވެސް ޢަޒުމް ކަނޑައެޅިއެވެ. މިއަދު މި ޤައުމުން ފެންނަމުން މިދަނީ އެކަމުގެ ހެއްކެވެ. މަޑުމަޑުން އެމީހުންގެ ބާރުގެ ދަށަށް ދިވެހިން ގެނައެވެ. އެންމެ ފަހުންދިވެހީނަށް އެމީހުންގެ ބާރު ދައްކާލައިފިއެވެ. ދިވެހީން ރަހީނުކޮށް އެމީހިންގެ ބާރުގެދަށަށް ގެނެސް ބިރުދައްކަން ފެށިއެވެ.
މާދަމާ އިވިދާނެ ހިތާމަވެރި ޚަބަރަކާއިމެދު އިންތިޙާއަށް ކަންބޮޑުވެއެވެ. ބިދޭސީންގެ ކަންކަން މި ހިސާބަށް ގޮސްފައި ވާއިރު، އަދި މިފަދަ ހާދިސާތަކެއް ގާތްގާތުގައި ތަކުރާރުވަމުން ގޮސްފައިވާތީ، ބިދޭސީންގެ ނުރައްކާ ޤައުމަށް ކުރިމަތިވެފައި ވާވަރު އަދިވެސް ވަޒަން ނުކުރެވެނީތޯއެވެ. ހިނގާ މިދިޔަ ހާދިސާތަކުގައި އެމީހުން ހިންގި ޖަރީމާތައް ނުބަލައި ސުލްޙަ ވިއްޔޭކިޔައި އެމީހުންނަށް އަދަބުނުދީ ދޫކޮށްލެވިއްޖެނަމަ އެކަން ވެގެންދާނީ އެމީހުން ހިންގާ ނޭއްގާނީ ޢަމަލުތައް ތަކުރާރުކުރުމަށް ލިބޭ ހިތްވަރަކަށްނޫނީ ނުވާނެއެވެ.
ހަމަ މިބީދައިން ބިދޭސީން ގަވާއިދާއި ހިލާފަށް ގެނެސް ރާއްޖެއަށް ދޫކޮށްލައިގެން ބަނޑުފުރާނަ މުއްތި ކުރަމުންދާ ދިވެހި ކުންފުނިތަކަށްވެސް ފިޔަވަޅު އަޅަންޖެހެއެވެ. މުސާރަ ނުދީ މަސައްކަތް ކުރުވާ ކުންފުނިތަކާއި މެދުވެސް ފިޔަވަޅު އަޅަން ޖެހެއެވެ. ޤައުމު މިހާ ހިސާބަށް ދިޔަ އިރު ފެންނަ ކަމަށް ނުހަދާ ބީރު ކަންފަދެއް ދިއްކޮށްގެން މޭޒުދަށޫން ފައިސާގެ މުއާމަލާތްތައް ހިންގަމުންދިޔަ މުވައްސަސާ ތަކުގެ ވެރިންނާއި މިކަމުގައި އިޙްމާލުވެފައިވާ ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހެއެވެ. ރާއްޖެއަށް މަސައްކަތް ކުރުމަށް ގެނެވޭ ބިދޭސީންގެ ގާނޫން ތަކާއި ގަވާއިދު ތަކުގައި ހުރި ލޯވަޅުތަށް ބަންދުކުރަން ޖެހެއެވެ. މިކަން ކަން އިތުރަށް ހަރުދަނާ ކުރެވެން ޖެހެއެވެ.
މިފަދަ މައްސަލަ ތަކުގެ ސަބަބުން ރައްޔިތުންގެ ތެކްސް ފައިސާއިން އެތައް ފައިސާއެއް މިދަނީ ބޭކާރު ވަމުންނެވެ. ރޭގެ ހާދިސާއަށް އެކަނި ވިސްނާލިކަމުގައި ވިޔަސް ދަޢުދަތުން ކުރަން ޖެހުނު ހަރަދަކީ ކުޑަހަރަދެއް ނޫނެވެ. މިހަރަދުތައް ރައްޔިތުންގެ ފައިސާއިން ކުރަން ޖެހުނީ ވިޔަފާރިވެރިންގެ ބަޔަކު އެމީހުންގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުން ދިމާވި ނުތަނަވަސްކަމެއްގެ ތެރެއިން އެތައް ދުވަހަކަށް ދެމިގެން ދިޔަކަމެއް ބޮޑު ކަންތައްގަނޑަކަށް ވެގެން ދިއުމެވެ. މިކަންކަން ބަލާ ވިޔަފާރިތަކާއި މަސައްކަތް ކުރުވާ ފަރާތްތައް ޒިންމާދާރު ކުރުވާ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށް އިންސާނީ ކަރާމަތާއި ވަގުވިޔަފާރިއަށް މަގުފަހިވާކަމެއްނަމަ އެކަމެއް ހުއްޓުވާ ޒިންމާދާރުކުރުވުމަކީ ސަރުކާރާއި މުވައްސަސާތަކުގެ ޒިންމާއެކެވެ.
ކަންމަތީ ފިހާރަތަކުން ފެށިގެން ރިސޯޓުތަކުގެ ވިޔަފާރތަކާއާއި ހަމައަށް ހަމަ ހަމަ އުސޫލުތަކެއް އޮންނަން ޖެހެއެވެ. ރިސޯޓު މަހުޖަނެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ވިޔަފާރިއަކަސް ކަންމަތީ ފިހާރައެއް ހިންގާ މީހަކަސް ގާނޫން ތަކާއި ޤަވާއިދު ތަކުގެ ކުރިމަތީގައި ހަމަހަމަ ނާޅީއަކުން ކިރިރިގެން ނޫނީ ގައުމަށް ދިމާވެފައިމިވާ މައްސަލައަށް ހައްލެއް ނާންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!