ރަށުގައި އަހަރެމެންގެ ގޭ ގޯތިތެރޭގައި ރުއްގަސް ވަރަށް ގިނަވާނެއެވެ. މޭވާ އަޅާ ގަސްގަހާއި ތަފާތު ފަތްޕިލާވެލި ވަރަށް ހައްދާފައި އޮވެއެވެ. އަންނާރާއި ކުންނާއި ފޭރާއި އަތައާއި ފަޅޮލެވެ. އެކި ކަހަލަ ރުކެވެ. އެ ކަން ކުރާ މީހަކީ މަންމައެވެ. ގަސްގަހުގައި އަޅާ އެއްޗެހި ހަރުވެ ދޮންވީމާ މަންމަ ފޮނުވަނީ ރަށްރަށުގައި ކިޔަވަން ތިބި ދަރިންނަށެވެ. ދަރިންނަށް މަދު ވެދާނެތީ ގިނަ ފަހަރަށް އެއިން އެއްޗެއް ދުލުކުރި ވެސް ޖައްސައި ނުލާނެއެވެ.

މިއީ، ވަރަށް ބުރަ މަސައްކަތުން ދޮންކޮށް އެއްކުރާ އެއްޗެއްސެވެ. މީދަލާއި ވާލާއި ކާޅާއި ނުވިތާކަށް ވަގުންގެ އުނދަގޫ ބޮޑުކަމުންނެވެ. ޚާއްޞަކޮށް ގަހުގައި ފޭރު ހަރުވީމާ ދެން އެ އޮތީ ކަންތަކާ ޖެހިފައެވެ. ކުރީގައި އަހަރެމެންގެ ގޭގައި ފަސް، ފޭރުގަސް ހުންނައިރު އެއް ދެ ގަސް ހުންނަނީ ދެ ގިފިލީގައެވެ. އަނެއް ދެ ގަސް ހުންނަނީ ގޯތީގެ އިރުމަތީ ކޮޅުގައި، ގެއާ ހަމަ ދިމާވާ ގޮތަށެވެ. އޭރު، ބަދިގެ ހުންނަނީ ގަސްތަކުގެ ދެކުނަށް ވާ ގޮތަށެވެ. އަނެއް ގަސް ހުންނާނީ ބަދިގޭގެ ހުޅަނގުކޮޅުގައެވެ. ގިފިލީގައި ހުންނަ ގަސްތަކަށް ވުރެ ބާރު ބޮޑުވަނީ ބަދިގެ ކައިރީގައި ހުންނަ ފޭރު ގަސްތަށެވެ.

Ad
rt

ފޭރު ގަސްތަކުގައި އަޅާ ފޭރުތައް ކިރިޔާ ރިއްސެޔޮލާ އިރަށް، މީދަލާއި ވައު އައިސް ކާންފަށައެވެ. އެހެންވީމާ، އެ އެއްޗެހިން ސަލާމަތްކުރަން ހުންނަނީ ފޭރަށް ފުޅި ނޫނީ ދަޅު ލައްވާފައެވެ. މިހެން ހެދިޔަސް ކައެވެ. އެހެންވީމާ، މަންމަ ކުރާ ކަމަކީ، އެއް ދަޅު އަނެއް ދަޅާޖެހި، ނުވަތަ އެއް ދަނޑިގަނޑު އަނެއް ދަނޑިގަނޑާ ޖެހި އަޑު ގޮވާނޭހެން ގަސްތަކުގައި އެލުވަނީއެވެ. ދެން އެ އެއްޗެހީގައި ވާފަށެއް ޖަހައި، އެ ވާފަށް ގެނެސް ކޮޓަރީގައި މަންމަ އޮންނަ އިރު ވެސް އަތްފޯރާ ފަށުގައި ބާއްވައިގެން، ހޭލެވޭ ކޮންމެ ފަހަރަކު އެ ވާފަށަށް ދަމައިލަނީއެވެ. އޭރުން ގަހުގައި އެލުވާފައި ހުރި ދަޅުތަކަށް ނުވަތަ ދަނޑިގަނޑުތަކަށް ވާންވީމާ، އެ އެއްޗެހި އެކަތި އަނެކައްޗާ ޖެހި ވަރަށް ބާރު އަޑެއް އިވޭނެއެވެ. އެ އަޑަށް ގަހުގައި އުޅޭ މީދާތަކާއި ވާތައް ހިނގައިދާނެއެވެ.

މިހައިވަރުން މަސައްކަތްކޮށް ފޭރުތައް ދޮންވީމާ، ދެން މި ވަނީ އަދި މާ ދެރަ ގޮތެކެވެ. ދޮންވެފައި ހުންނަ ފޭރުތައް ވަގަށް ކަނީއެވެ. ގަސްތަކުގައި ފޭރު އަޅާފައި ހުންނަ އިރު، އަޅާފައި ހުންނަ މިންވަރު ގިނަކަމުން ގަހުގެ އޮފިތައް ހުންނާނީ ވަރަށް ތިރިއަށް އެލިފައެވެ. ފޭރުތައް ހުންނާނީ ރީއްޗަށް އަތް ފޯރާފަށުގައެވެ. ބައެއް ފޭރުތައް ހުންނާނީ އެ ދަޅުތަކަށާއި ފުޅިތަކަށް ނުތަކާވަރަށް ބޮޑެތި ވެސް ވެފައެވެ. އެހެން ނަމަވެސް، ހެނދުނު އައިސް ބަލައިލާއިރު ހުންނަނީ ފޭރަށް ލައްވާފައި ހުންނަ ދަޅު ނޫނީ ފުޅި އެކަންޏެވެ. އެއަކު ފޭރެއް ނުހުރެއެވެ. އެއްކަލަ ވާފަށަށް ދަމައިގެން ވެސް ވަގުން ފެއްސޭ ގޮތެއް ނުވެއެވެ. އަދި އެ ކަން ކުރާ މީހަކު ނުވަތަ ބަޔަކު އެނގޭނެ ގޮތެއް އަމުދުން ނުވެއެވެ.

ކޮންމެއަކަސް، ވަގުންގެ ކަންތައް މަންމައަށް ވަރަށް ބޮޑުވެއްޖެއެވެ. ދަރިންނަށް ފޮނުވަން ދޮން ފޭރެއް ލިބޭނެ ގޮތެއް ހަމަ ނުވެއެވެ. މި ކަމަށް ހައްލެއް ހޯދާނެ ގޮތަކާމެދު ވިސްނައި ވިސްނައި ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. އެންމެ ފަހުން ނިންމީ، ރޭގަނޑު ބަދިގޭގައި ފިލައި ދަމަށް އިންނާށެވެ. ބަދިގެ ތެރޭގައި ހުންނަ މީހަކަށް ވަރަށް ރީއްޗަށް ފޭރު ގަސްތައް ފެންނާނެއެވެ. އޭރުން ވަގުކަލޭގެ އަންނަ އިރަށް ދުވެފައި ނުކުންނަނިކޮށް ވަގު ހިފިދާނެއެވެ. އާއްމުކޮށް ވައްކަން މި ކުރަނީ ފަތިސް ދަމަށް އެޅީމައެވެ. ބޮޑަށް ގަބޫލުކުރެވެނީ މިއީ ޅަފުރައިގެ ލާނެއް ކުދިން ކުރާ ކަމެއްކަމަށެވެ. އެހެންވީމާ، އެއް ރެއަކު މަންމަ މި ކުރިކަމަކީ އެ ވަގުތާ ދިމާކޮށް ބަދިގެ ތެރެއަށް ވަދެ ފިލައި އިނީއެވެ. ހެޔޮވަރުގެ ދަނޑިބުރިއެއް ވެސް އަތްމަތިކޮށްގެންނެވެ.

ވަގު ކަލޭގެގެ އިންތިޒާރުގައި މާ ގިނައިރަކު މަންމައަށް ބަދިގެ ތެރޭގައި އިންނާކަށް ނުޖެހުނެވެ. ބޭރު މަގުން ލައިފައި ހުޅަނގު ކޮޅުން އައި މީހެއް، ބަނބުކެޔޮ ގަހާ ދިމާއަށް ހުރި ދޮރާށިން ގޯތިތެރެއަށް ވަދެގެން ފޭރުގަސްތަކާ ދިމާއަށް އެބަހަރަ އާދެއެވެ. މަންމަ ވެސް ދަނޑިގަނޑު އަތަށް ހެޔޮވަރުކޮށްލައި ހުށިޔާރުވެއްޖެއެވެ. ހިތަށް އެރިއެވެ. މިރޭ މި ވަގު ކަލޭގެއަށް ވަރުގަދަ ލަގާއެއް ދޭނަމެވެ.

ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ. މި އޮތީ މަށަށް ފުރުސަތު ލިބިފައެވެ. މިހެން ހިތައި، ކުޑަކޮށް ބަދިގޭގެ ދޮރާ ކައިރިއަށް ޖެހި ތައްޔާރުވެގެން ހުއްޓައި، ވަގު ކަލޭގެ އައިސް، ބަދިގެއާ ކައިރިއަށް ހުރި ގަހުގައި އެންމެ ގިނައިން ފޭރު އަޅާފައި އޮތް އޮފިގަނޑާ ދިމާއަށް ހުއްޓި އޮފިގަނޑުގައި ކަނާތުން ހިފައި ތިރިއަށް ދަމައިލިކަމެއް ނޭނގެއެވެ. މަންމަ ވޫސްލައިފައި އައިސް، ވަގު ކަލޭގެގެ ކަނާތުގައި މަންމަގެ ވާތުން ފިސައިރި ބާރަށް ހިފަހައްޓައިފިއެވެ. މަންމަގެ ކަނާތުގައި އެއްކަލަ ދަނޑިބުރި، އަތަށް ހެޔޮވަރުކޮށްލާފައި އޮތެވެ. ވަގު ކަލޭގެ ހުރީ ބޮލާއެކު ބޮޑު ރަޖާގަނޑެއް އަޅައިގެންނެވެ. ދެ ފަރާތުން ރަޖާގަނޑު ގެނެސް މޫނާ ހަމައިން، ވާތުން ރަޖާގަނޑުގައި ހިފަހައްޓައިލައިގެންނެވެ. އޭރު އަދި މޫނު އަނދިރިކަން ރަނގަޅަކަށް ނުކެނޑެއެވެ.

އަޖައިބެކެވެ. ހިފަހައްޓައިގެން ހުރި އޮފިގަނޑުން ދޫކޮށްލި ނަމަވެސް، މި ވަގު ކަލޭގެ ގަދަ ދައްކާފައި ދާކަށް ނޫޅެއެެވެ. މަންމައަށް ހަމަލާއެއް ދޭކަށް ވެސް ނޫޅެއެވެ. މަންމަ މި ކަމާ ވަރަށް ހައިރާންވެއްޖެއެވެ. ވަގު ކަލޭގެގެ އަތުން ދޫކޮށްލައި، އޭނާގެ ބޮލާއެކު އަޅާފައި އޮތް ރަޖާގަނޑަށް ކުއްލިއެއް ޖަހައި ދަމައިގެންފިއެވެ. އެއްކަލަ ވަގު ކަލޭގެ ހިފަހައްޓައިގެން ހުރި ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މަންމަ މި ހިފި ވަގު ކަލޭގެއަކީ ބައްޕައެވެ. މަންމަގެ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ. ދަމައިގަތް ރަޖާގަނޑު ބައްޕަގެ އަތަށް ޖަހާފައި އަތުގައި އޮތް ދަނޑިގަނޑު އެއްލައިލާފައި އަނގައިން ވެސް ނުބުނެ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަޅެ، އެ ދަނޑިބުރިން ބައްޕައަށް ހަމަލާއެއް ނުދިންކަން ނަސީބެއްނު ދޯ!

މި ވީ ގޮތަކީ މި ފަހަރު ފޭރުތައް ދޮންވެގެން އައިއިރު، މި ދުވަސްވަރު ބައްޕައަށް ވެސް ރަށުގައި ހުންނެވުނީއެވެ. އާއްމުކޮށް ބައްޕަ ވެސް އުޅުއްވަނީ މާލޭގައެވެ. ނަމަވެސް، މި ފަހަރު މި ދުވަސްތަކާ ދިމާވީމާ މަންމަ މި އެއްޗެހި ދޮންކުރަން މި ކުރާ މަސައްކަތް ފެނިލައްވައިފިއެވެ. އަދި ވަގުންނަށް ހަމަލާއެއް ދޭން ރާވާފައި އޮތް ގޮތް ވެސް މަންމަ އޮތީ އެ ރޭ ބައްޕައާ ހިއްސާކޮށްފައެވެ. އެހެންވީމާ، މަންމަ ބަދިގެއަށް ދިޔަ ވަގުތު ބަލާފައި، ބައްޕަ ނިދިކުރައްވަން ގައިގައި އަޅުއްވާ ރަޖާގަނޑު ބޮލުގައި އަޅުއްވައިގެން މަންމައަށް ސަމާސާއެއް ކޮށްލެއްވުމަށް އެ ގަސްދޮށަށް ދުރުވީއެވެ.
(ނިމުނީ)