މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް މިރޭ މެންދަމު 1:30 ގައި ބާއްވަމުންދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެމްބަރުންގެ ގައިދުރުކަން ގެއްލިިއްޖެއެވެ.

އެހެން ދިމާވީ ޖަލްސާ ފެށުމާއިއެކު އިދިކޮޅު ބައެއް މެމްބަރުން ތެދުވެވަޑައިގެން މަޖިލިސް ތަޅުން ހަލަބޮލި ކުރުމަށް މަސައްކަތް ކުރުމުންނެވެ.

Ad
rt

އިދިކޮޅު މެމްބަރުން ތަޅުމުގައި ހަލަބޮލިކަން އުފެއްދީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަން ފެއްޓެވުމުން އެވާހަކަފުޅަށް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުރަސް އެޅުމުން އޭނާގެ ނަން އިއްވުމުންނެވެ.

ނަން އިއްވި ނަމަވެސް ޝިޔާމް ތަޅުމުން ބޭރަށް ވަޑައިނުގަތް އަޑުގަދަ ކުރައްވަން ފެއްޓެވުމުން މެމްބަރުން ތެދުވެ ވަޑައިގެން އެއްވުމުން މަޖިލީހުގެ ގައިދުރުކަން ވަނީ ގެއްލިފައެވެ.

މަޖިލިސްގެ ތަޅުން ހަމަޔަކަށް އެޅުމުން މަޖިލިސްރައީސް މަޖިލީހަށް ހުށަހެޅިފައިވާ ކޮމެޓީ ރިޕޯޓްގެ ބަހުސްއަށް ހުޅުވާލީ 1:46 ގައެވެ.

މިރޭ މަޖިލިސްގައި ކުރިއަށް ދަނީ ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު ސްޕޮންސޮރކޮށް ހުށަހަޅުއްވާފައިވާ ، ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓްގެ މަސައްކަތެވެ.

މިހާރު ކުރިއަށް ދަނީ މުޅި މަޖިލިސް ކޮމެޓީން ނިންމާފައިވާ އެ ބިލްގެ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމުގެ 1 ގަޑި އިރުގެ މަރުހަލާއެވެ. އެ ރިޕޯޓު އޮތްގޮތަށް ފާސްކުރުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.

މިބިލްގައި ވަނީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ހިމަނާފައެވެ.

މި ބިލުން ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވި ޚާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭ 12:00 އަށް ހަމަވާނެއެވެ.

ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް މަޖިލިސްއިން ވަނީ އުސޫލުތަކެއް ކަނޑައަޅާފައިއެވެ. މިގޮތުން މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން ކަމަށާއި، އެ މެމްބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މަޖިލިސް މެމްބަރުންނާއި، މުވައްޒަފުން މާސްކު އަޅައިގެން ތިބޭ ގޮތަށް ހަމަޖައްސާފައެވެ.

ނަމަވެސް މިރޭގެ ޖަލްސާއިން ފެނިގެން ދިޔައީ ބައެއް މެމްބަރުން މަޖިލީހުގެ އުސޫލާއި ޚިލާފްވެ، ގައިދުރުކަން ނަގާލި ތަނެވެ.