މަޖިލިސް މެންބަރުންނާއި މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން މިނިސްޓަރ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއަށް ހަނދުމަފުޅުވީ 31 މެއި 2020 ގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް މަޖިލީހުގެ ގަވައިދު ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލާ މިނިސްޓަރ ޒަހާއަށް ފާޑުކިއުން އިންތިހާއަށް ވަނީ އަމާޒުވެފައެވެ. މެންބަރު ރާއީ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަޖިލީހުގެ ތެރެއިން މެންބަރުން ކުރެއްވި މަސައްކަތުން މަސްވެރިންނަށް ލިބިގެންދިޔަ ފުރުޞަތެއް ކަމަށެވެ.
މަޖިލިސް މެންބަރުންނާއި މަސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން 31 މެއި 2020 ގައި މިނިސްޓަރ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއަށް ހަނދުމަފުޅުވީތީ އުފާކުރަން،1 ޖޫންގައި މަޖިލިސް އަށް އެކަމުގެ ސިޓީ ފޮނުވީތީ ޝުކުރުކުރަން
މެންބަރު ރާއީ ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
ގަވައިދު ކޮމިޓީއިން އެގޮތަށް ނިންމާފައި ވަނީ ދިވެހި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު އެވެ. ޒަހާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަމާ ގުޅިގެން ސިޓީއެއް ފޮނުއްވާފަ އެވެ.
މިނިސްޓަރު ޒަހާ މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ޤަވާއިދު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން މިދިޔަ ބުރާސްފަތި ދުވަހު ރާއީ ވިދާޅުވީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް 6 މަސްދުވަހުގެތެރޭ ނިންމަވާނެ ކަމަށް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ފަހުން އެކަން ކުރުމަށް 2 އަހަރު ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެކަން ކުރުމަށް ދިގު މުއްދަތެއް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވަމުން ރާއީ ވަނީ މަސްވެރިންނަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށާއި މަސްވެރިންނަށް މި ސަރުކާރުން ކަމެއް ކޮށްނުދެވިއްޖެނަމަ އެއީ ފެއިލްވުން ކަމަށްވެސް ވިދާޅުވެފައެވެ.
"މި ގޮވާލަނީ ޒަހާ އަށް، މިތަނަށް ގެނެސް އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކުރާނަން. އެހެން ނޫނީއްޔާ ވަގުތުން ވަގުތަށް، މިހާރުން މިހާރަށް އިސްތިއުފާދީ. މިތާ އެބަތިބި އެމްޑީޕީގެ 65 މެމްބަރުން. އެންމެ މެމްބަރަކު ވެސް އެކަމަކަށް ނޯ ނުބުނާނެ"
ރާއީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
މީގެއިތުރުން ރާއީ ވަނީ ކޯލިޝަނުގެ ރަޖާ އަޅައިގެން ތިބި އެހެން މިނިސްޓަރުން ވެސް އެމްޑީޕީގެ މެނިފެސްޓޯ އާއި ސަރުކާރު އަދި މަޖިލިސް މެމްބަރުން ފެއިލްކޮށްލަން މަސައްކަތް ކުރާނަމަ އެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް ނަގާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މިނިސްޓަރު ޒަހާ މަސްވެރިންގެ ހާލުވެސް ބަލާ ނުލާ ކަމަށާއި އެގޮތުން މަކުނުދޫ ދާއިރާގެ މަސްވެރިން ތިބީ ހާލުގައި ޖެހިފައި ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އަދި މިކަން ކުރެވޭނެ މީހުން އެމްޑީޕީގައި ވެސް އެބަތިބި ކަމަށާއި މި ތަންތަނަށް ލާންވީ އެފަދަ ބޭފުޅުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒަހާ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ހަ ގަވައިދެއް ޑްރާފްޓް ނިންމައި ބަންޑަރަނައިބުގެ ލަފާފުޅަށް އެދި ފޮނުއްވާފައިވާ ކަމަށެވެ. އެގޮތަށް ސިޓީގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލަން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.
"ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުން ވަރަށް ސާފުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރަލް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާނުކުރުމުގެ ސަބަބުން އަދި އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން މިއަދާހަމައަށް ވެސް އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމުން އެ މިނިސްޓްރީއިން އެ ގާނޫނާ ހިލާފުވެފައިވާ ކަމަށް ކޮމިޓީއިން ގަބޫލުކުރާ ކަމަށާއި. މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ."
ގަވައިދު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޒަހާގެ މައްސަލާގައި ގަވާއިދު ކޮމިޓީއިން ނިންމި ރިޕޯޓު އަނބުރާ ތަޅުމަށް ފޮނުވަން ފާސްކުރީ 69 މެމްބަރުންގެ ވޯޓާ އެކު އެވެ. ޒަހާގެ މައްސަލާގައި ގަވާއިދު ކޮމިޓީއިން ނިންމި ރިޕޯޓު އަނބުރާ ތަޅުމަށް ފޮނުވަން ރާއީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރ ޔާސިރު ލަތީފްވެސް ވޯޓު ދެއްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!