އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޙީދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާ ހުންނާނީ އެންމެ ފަހު ވަގުތާއި ހަމަޔައްވެސް ހިރިމަރަދޫގެ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ.
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހެއް އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، ހިރިމަރަދޫގައި އެމީހާއާއި ސީދާ ބައްދަލުވި މީހެއް ހުރުމުން މިވަގުތު އެޗްޕީއޭގެ އެންގުމަށް ހިރިމަރަދޫ އޮތީ މޮނިޓަރިންގ ހާލަތުގައިއެވެ.
ވަހީދު މިނޫހަށް ވިދާޅުވީ މިވަގުތުވެސް ހުންނެވީ ރައްޔިތުންގެ ޚިދުމަތުގައި މަގުމަތީގައި ރައްޔިތުން ބޭނުންވާ ތަކެތި ގޭގެޔަށް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ކަމަށެވެ.
ވަހީދު ވިދާޅުވީ ހިރިމަރަދޫގައި ސޯސަލް ސަޕޯޓް ޑެސްކެއް ގާއިމު ކުރެވި، މަދަދު ވެރިންގެ އެހީތެރި ކަމާއިއެކު ރަށް މޮނިޓަރިނގގައި އޮތް މިހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށް ދެއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.
ވަހީދު ވިދާޅުވީ އޭނާ އެންމެ ބޮޑަށް މިވަގުތު ބޭނުންވަނީ އެރަށުގައި ހުރި، ކޯވިޑް-19 ކޭސް 52 އާއި ސީދާ ބައްދަލުވި މީހާގެ ޓެސްޓު ހެދޭނޭގޮތް ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދިޔުން ކަމަށެވެ.
މި ދަނޑިވަޅުގައި ހިރިމަރަދޫ ރަށްޔިތުން ދައްކަވާ އެއްބައި ވަންތަކަމާއި، ކެތްތެރިކަމަށް އެރަށްޔިތުންނަށް ވަހީދު ޝުކުރު އަދާކުރަށްވައެވެ.
މިހާރު ހިނގަމުން މިދާ 3 ވަނަ ލޯކަލް ކައުންސިލްތަކުގެ ދައުރަކީ، ވަހީދު ހިރިމަރަދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމް ފުރުއްވާ 3 ވަނަ ދައުރެވެ.
ހދ. ހިރިމަރަދޫ މިވަގުތު މޮނިޓަރިންގގައި އޮތް އިރު އެރަށަކީ އާބާދީގައި 566 މީހުން ތިބި ރަށެކެވެ.
ހިރިމަރަދޫއާއި އެކު ހދ. ވައިކަރަދޫވެސް އޮތީ ކޭސް 52 އާއި ގުޅިގެން މޮނިޓަރިންގގައެވެ. އޭގެ އިތުރުން އެކޭހާއި ގުޅިގެން ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ އަދި ހޯރަފުށިވެސް އޮތީ މޮނިޓަރިނގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!