ރާއްޖޭގައި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް ސިއްޙީ ނަޒަރަކުން އެކަނި ބެލުމުގެ ބަދަލުގައި، ދީނީ ނަޒަރަކުންވެސް އެ ކަންކަން ބަލައި ހޯދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، "ނޭޝަަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ، ޒުވާނުންނާއި ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުން ތަފާތު ދަތިތަކާ ދިމާވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލައަށް ބަލާއިރު، ދިރާސާތަކުން މިހާރު ފެންނަން ހުރި އަދަދުތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ އަދަދުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އެކަމަނާ ވިދާޅުވީ، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖެއްގެ ކިބައިގައި ސިއުސައިޑަލް ވިސްނުންތައް ހުންނަ ކަމަށެވެ. އަދި ކޮންމެ ހަތް ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީ ކުރެވޭ ފަދަ އިހުސާސްތައް ކުރާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އުމުރުން 13-15 ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖެއްގެ ސިއުސައިޑަލް ވިސްނުންތައް ހުރޭ. ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީ ކުރެވޭ ފަދަ އިހުސާސްކުރޭ. އުމުރުން 15-29 އަހަރާ ދެމެދުގެ ކޮންމެ 5-1 ކުއްޖަކު ނަފްސާނީ މައްސަލަ ތަހައްމަލު ކުރޭ. މިއީ ދީނީގޮތުންވެސް އިތުރު ބެލުންތަކެއް ބަލަންޖެހޭ ކަމެއް،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ ނާއުއްމީދުތަކާ ކުރިމަތިލާން ކޮންމެ މީހަކުވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުހިނގާނެކަން ޤަބޫލުކުރަންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތައް ދިމާވުމުން އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް އެދިވަޑައިގަންނަވަމުން އެކަމަނާ ވިދާޅުވީ، އެއީ އެއްވެސް މީހަކު ލަދުގަންނަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދުމުގައި ލަސްކޮށްގެން ނުވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.