ޔުއެފާ ނޭޝަންސް ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުގައި ގްރީސްގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، އައު ކޯޗު ޒަވީގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް އިން ބަލިނުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ވެސް ނެދަލެންޑްސް އޮތީ ފަސް ލަނޑުގެ ބޮޑު ލީޑެއްގައެވެ.
އެމްސްޓަޑަމްގައި ކުޅުނު މި މެޗުގައި ނެދަލެންޑްސްގެ ފޯވާޑް ޓިޖާނީ ރެއިންޑާސް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ޔޫރިއަން ޓިމްބާ ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ކްރައިސެންސިއޯ ސަމަވިލްއެވެ. ޓީމުގެ ހަތްވަނަ ލަނޑު ޖަހައިދިނީ ޑޮންޔެލް މާލެންއެވެ. މީގެ ތެރެއިން ރެއިންޑާސްގެ ތިން ލަނޑު ވެސް ޖަހާފައިވަނީ ގްރީސްގެ ޑިފެންސް ފޫއަޅުވާލުމަށްފަހު، އެންމެ 21 މިނެޓުގެ ތެރޭގައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޒަވީ ބުނީ ފުރަތަމަ ހާފު ފެނިގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށެވެ.
"ނަމަވެސް މިއީ އެންމެ މެޗެއް. އަހަރެމެން މިގޮތުގައި ކުރިއަށްދާން ޖެހޭނެ، އެކަމަކު މިސްރާބަކީ މިއީ. ކުޅުންތެރިން ވަރަށް ބުރަކޮށް ފަރިތަކުރަމުން ދަނީ. އަހަރެން އެ ކުޅުންތެރިންނާ މެދު ވަރަށް ފަޚުރުވެރިވޭ،" އޭނާ ބުންޏެވެ.
ގްރީސްގެ މައްޗަށް ހޯދި މި ފުރިހަމަ މޮޅާއެކު ނެދަލެންޑްސް މިވަނީ ނޭޝަންސް ލީގުގެ އަށް އަހަރުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑު މޮޅުގެ ރެކޯޑާ ހަމަކޮށްފައެވެ. އެ މުބާރާތުގެ މެޗަކުން ހަތް ލަނޑުގެ ތަފާތުން މޮޅުވި ހަތަރުވަނަ ޓީމުގެ ޝަރަފު ނެދަލެންޑްސް އިން ހޯދިއިރު، މީގެ ކުރިން މި ރެކޯޑު ހަދާފައިވަނީ އިންގްލެންޑް، ޖަރުމަނު އަދި ފިންލެންޑެވެ. އިންގްލެންޑުން ކްރޮއޭޝިއާ ކޮޅަށް 7-0 އިން މޮޅުވީ ވެސް މިދިޔަ މަހުގައެވެ.
ހުކުރު ދުވަހު ކުޅުނު މި ގްރޫޕުގެ އަނެއް މެޗުގައި، ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖަރުމަނު ވަނީ ސާބިއާ އަތުން 3-1 އިން މޮޅުވެފައެވެ. މި ނަތީޖާއާއެކު، ގްރޫޕުގެ އެއްވަނަ ކަށަވަރުކުރުމަށްޓަކައި ނަން މަޝްހޫރު ދެ ކޯޗުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް މިހާރު ވަނީ އުފެދިފައެވެ.
ގްރޫޕް އޭ2 ގެ އެއްވަނައިގައި ނެދަލެންޑްސް އޮތްއިރު، ދެވަނައިގައި އޮތް ޖަރުމަނު އޮތީ ތިން ޕޮއިންޓް ފަހަތުގައެވެ. މި ދެ ޓީމު ވާދަކުރާ މެޗު އަންނަ ހޯމަ ދުވަހު ބާލިންގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ގަދަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލާނީ ހެޑް-ޓު-ހެޑް ރެކޯޑަށެވެ. މި ގްރޫޕުން ނެދަލެންޑްސް، ޖަރުމަނު އަދި ގްރީސް އަށް ވެސް ކުއާޓާގެ ފުރުސަތު އޮތްއިރު، ކުޅުނު ފަސް މެޗުން ވެސް ބަލިވި ސާބިއާ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!