ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އދގެ ކޮޕް31 ގެ ހަވާސާގައި ބޭއްވި، ޒީރޯ ވޭސްޓް މިއުޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި މިއުޒިއަމަކީ ޒީރޯ ވޭސްޓް މޫވްމަންޓްގެ ނުވަ އަހަރުގެ ދަތުރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިގޮތުން، ތުރުކީވިލާތުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން، ސަރކިއުލަރ އިކޮނޮމީ ނުވަތަ އިޔާދަކުރަނިވި އިގުތިސާދަކަށް ވާސިލުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މިސާލުތައް އެތަނުގައި ވަނީ ދައްކާލާފައެވެ.
މިއުޒިއަމްގައި އަލިއަޅުވާލާފައިވާ ސަރކިއުލަރ އިކޮނޮމީއަކީ، އުފައްދާ ތަކެތި ބޭނުންކުރުމަށްފަހު އުކާލުމުގެ ބަދަލުގައި، އެތަކެތި އަލުން ބޭނުންކޮށް އަދި ރީސައިކަލްކޮށްގެން ކުނި އުފެދޭ މިންވަރު މަދުކުރާ އިޤްތިޞާދީ ނިޒާމެކެވެ.
ޒީރޯ ވޭސްޓް މިއުޒިއަމްގައި ދައްކާލާފައިވާ ކަންކަމުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، ތަކެތި ރީސައިކަލްކުރާ މަރުޙަލާތަކުގެ އިތުރުން ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. އަދި ކުނި އަލުން ބޭނުންކުރުމާއި، ކުނި ބޭނުންކޮށްގެން ފަންނުވެރި އުފެއްދުންތައް ތައްޔާރުކުރުމުގެ އާދަތަކާއި، އިންޓަރެކްޓިވް ޑިސްޕްލޭތަކާއި، ޑިޖިޓަލް އެޕްލިކޭޝަންތަކާއި ކުރެހުންތައް ވެސް މި މިއުޒިއަމްގައި ހިމަނާފައިވެއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއުޒިއަމް ބައްލަވާލައްވައި، މުސްތަޤުބަލަށް އަމާޒުކޮށް އެތަނުގައި ތައްޔާރުކޮށްފައިވާ '2035 ވިޝް ވޯލް' ގައި މެސެޖެއް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޒައިތޫނި ގަހެއްގެ ވަށައިގެން ހަދާފައިވާ 'ޕްލެޖް ޓްރީ' ގައި، ތިމާވެއްޓާ ގުޅޭގޮތުން ވެވޭ ވަޢުދުތައް ފަތެއްގެ ސިފައިގައި ހަދާފައިވާ ކާޑުތަކެއްގައި ލިޔުމުގެ ފުރުޞަތު އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަނީ ފަހިކޮށްދީފައެވެ.
މި މިއުޒިއަމްގެ ސަބަބުން ޒީރޯ ވޭސްޓް ކުރިއެރުވުމުގައި ތުރުކީވިލާތުން ހޯދާފައިވާ ތަޖުރިބާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ތަޢާރަފުވެގެންދާނެއެވެ. އަދި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމަށާއި ސަރކިއުލަރ އިކޮނޮމީއަށް މީހުން ހޭލުންތެރިކުރުވުމަށް ވެސް މިކަމުގެ ސަބަބުން ބާރުއަޅައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!