އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އަންހެން ވޮލަންޓިއަރުންނަށް ހާއްސަކޮށްގެން އަސްކަރީ ތަމްރީނުދޭ މަރުކަޒެއް ވެރިރަށް ތެހެރާންގައި ހުޅުވައިފިއެވެ.
މިއީ އެ ސަރަހައްދަށް ސިފައިން ފޮނުވުމަށާއި އަވަށްޓެރި ގައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ވާގިވެރިވާނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކާ ގުޅިގެން، އެއްގަމު މަގުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
''އަނިއުސް'' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތެހެރާނުގެ އާޒާދީ މައިދާނުގައި ހުޅުވި މި ކޭމްޕަކީ އެ ސިޓީގައި ގާއިމުކުރި މިފަދަ ހަތަރުވަނަ މަރުކަޒެވެ. މީގެ ކުރިން އައިއާރްޖީސީގެ ވޮލަންޓިއާ ފައުޖުތަކުން ވަނީ އުތުރު ތެހެރާނުގެ ތަޖްރިޝް މައިދާނުގައި ފިރިހެނުންނަށް ހާއްސަ ތަމްރީނު މަރުކަޒެއް ވެސް ހުޅުވާފައެވެ. މި މަރުކަޒުތައް ހުޅުވަން ފެށީ ޕާޝިއަން ގަލްފުގައިވާ އީރާނުގެ ރަށްތައް ހިފުމަށާއި، ގަލްފް އޮފް އޮމާން އަދި ހޮރުމުޒް ކަނޑުއޮޅި ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ.
މި ތަމްރީނުތަކަކީ އީރާނާއި އިސްރާއީލް އަދި އެމެރިކާ ހިމެނޭ ގޮތަށް 2026 ވަނަ އަހަރު ކުރި ހަނގުރާމައިގެ ދެވަނަ މަރުހަލާއަށް ފަހު ރިވޮލިއުޝަނަރީ ގާޑުން ފެށި "ސެކްރިފައިސް ފޯ އީރާން" ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މި ކެމްޕޭނުގައި ބައިވެރިވުމަށް މުޅި ގައުމުން 31 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މި ކޭމްޕުތަކުގައި ދޭ ތަމްރީނުތަކުގެ ތެރޭގައި ހަނގުރާމައިގެ މައިދާނަށް ތައްޔާރުވުމާއި، ޑްރޯން ބޭނުންކުރުމާއި، ކޮނޑަށް ލައްވައިގެން ޖަހާ ހަތިޔާރު ބޭނުންކުރުމުގެ އިތުރުން ފުރަތަމަ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ. އަލަށް ހުޅުވި މަރުކަޒުގައި ތަމްރީނު ހޯދަމުންދާ އަންހެނުން ވަނީ ލުއި އަދި ބަރު މެޝިން ބަޑި ބޭނުންކުރުމުގެ ހުނަރުތަކާއި، ވާގަނޑު ބޭނުންކޮށްގެން އުސް ތަންތަނުން ތިރިވުމުގެ ހަރަކާތްތައް ވެސް ދައްކާލާފައެވެ.
އަސްކަރީ ތައްޔާރީތައް ވަރުގަދަކުރަމުން ދިޔަ ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މޮހްސެން ރެޒާއީ ވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ސުލްހައިގެ ޝަރުތުތަކަށް ވޮޝިންޓަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަންގާރަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރެޒާއީ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެމެރިކާ ސަރުކާރު މިހާރު ވެސް ވަނީ ރޫޅިފައި ކަމަށާއި އެމެރިކާއިން އުޅެނީ ހަދާނެ ގޮތް ހުސްވެފައިވާ ޖުވާކުޅުންތެރިއަކު ފަދައިން ކަމަށެވެ. އަދި ހުޅަނގު އޭޝިއާގެ އާ ނިޒާމަށް އިންކާރުކުރުން ހުއްޓާލުމަށް ފަހު، އީރާނުން ތަކުރާރުކޮށް ހުށަހަޅަމުންދާ ހަތް ޝަރުތު ގަބޫލުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ޝަރުތުތަކުގެ ތެރޭގައި ކަނޑުގެ މަގުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ލުބުނާން ހިމެނޭހެން ހުރިހާ ދިމާއަކުން އަސްކަރީ ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ.
މީގެ އިތުރުން، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޯމަ ދުވަހު އެކްސްގައި ލިޔުއްވި ގޮތުގައި، ސުލްހައާ ގުޅޭގޮތުން ތެހެރާނުން ދިން ދެ ދުވަހުގެ ހުށަހެޅުން އަދިވެސް އޮތީ ބަދަލެއް ނެތިއެވެ. އަރަގްޗީ ވިދާޅުވީ އެމެރިކާގެ ރައްޔިތުން ގޮތް ނިންމައިފި ކަމަށާއި ދެން ގޮތެއް ނިންމަންވީ ވައިޓް ހައުސްއިން ކަމަށެވެ. އަދި ހުރިހާ ދިމާއަކުން ހަނގުރާމަ ހުއްޓާލުން ހިމެނޭހެން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމަށް ގޮވާލައްވަމުން އޭނާ ވަނީ، ހަނގުރާމަ އިހުތިޔާރުކޮށްފި ނަމަ ތައްޔާރުވެ ތިބި އީރާނުގެ ފަހުލަވާނުންގެ ގަދަފަދަ ހަމަލާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!