ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހދ. ހަނިމާދޫގައި ކުރިއަށްގެންދާ "މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް 2026" ގެ ފޯރިގަދަވެ، މުބާރާތުގެ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެއެވެ.

ގިނަ އަދަދެއްގެ އެކަޑަމީތަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 13 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ.

Ad
rt

ބޮޑުތިލަދުންމަތީގެ ތިން އަތޮޅު ކަމަށްވާ ހދ، ހއ. އަދި ށ. އަތޮޅުގެ އިތުރުން މާލޭގެ 15 އެކަޑަމީއަކުން ޖުމްލަ 28 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. ޖުމްލަ 68 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗުތަކުގެ ތެރެއިން، 10 އަހަރުން ދަށުގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ. އަދި 12 އަހަރުން ދަށުގެ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ރަނަރއަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑަލް ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވި ހުރިހާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ޕާޓިސިޕޭޝަން މެޑަލް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެވެ.

މުބާރާތުގައި ވާދަކުރުމަށް ހަނިމާދޫއަށް ދަތުރުކުރި ޓީމުތަކަށް އެ ރަށުގެ ކައުންސިލާއި މުއައްސަސާތައް ގުޅިގެން ވަނީ 'ރެޑް ކާޕެޓް' މަރުޙަބާއެއް ކިޔާފައެވެ. ހަމައެއާއެކު، މުބާރާތުގެ މެޗުތައް ބަލައިލުމަށާއި އެކި ޓީމުތަކަށް ސަޕޯޓްކުރުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ދަނޑު ސަރަޙައްދަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، މިއީ ޅަފަތުގައި ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯބި އާލާކޮށް، އެކުދިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. މީގެއިތުރުން، އެކުދިން ބޮޑުވެގެން ކުޅިވަރުގެ ތެރެއަށް ނުކުންނައިރު މުބާރާތްތައް ކުރިއަށްދާނެ ގޮތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި މުބާރާތުގެ މުހިންމު މަޤުޞަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މުބާރާތުގައި ވާދަކުރާ ބައިވެރިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަޑަމީތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ޚާއްޞަ "ގާލާ ޑިނަރ ނައިޓް" އެއް ވެސް ރޭ ވަނީ ހަނިމާދޫގައި ބާއްވާފައެވެ. އެ އެސޯސިއޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، ގިނަ ރަށްތަކެއްގެ ޓީމުތައް އެއްވެ ކުރިއަށްދިޔަ މި ޙަފްލާގެ ތެރެއިން އެކަޑަމީތަކުގެ މެދުގައި ހަދިޔާ ބަދަލުކުރުމާއި، ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ވަނީ ފަހިވެގެން ގޮސްފައެވެ.

ރަށުން ބޭރުން ގިނަ ބަޔަކު މި މުބާރާތަށް ޒިޔާރަތްކޮށްފައިވާއިރު، ހަނިމާދޫ ރައްޔިތުންނަށާއި، މި މުބާރާތް އިންތިޒާމުކޮށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ސޮކަރ ވެޓަރަންސް އެސޯސިއޭޝަނުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މީގެއިތުރުން، ހަނިމާދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލް މެންބަރު ރިފްޤާ ވެދެއްވި އަގުހުރި އެހީތެރިކަން ވެސް އެ އެސޯސިއޭޝަނުން ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.