ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ކީސާ" ނަމަކަށް ކިޔާ ދޯންޏެއް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އަރައިފިއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ދޯނީގައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ ނޮވެންބަރު 10 ވަނަ ދުވަހުގެ ރޭ 23:51 ހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.
ހާދިސާ ހިނގި ސަރަހައްދަށް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ގޮސްފައިވަނީ ރޭގެ މެންދަމު 02:37 ހާއިރުއެވެ. އަދި އެ ސަރަހައްދަށް ގޮސް، ފަރަށް އެރި ދޯނީގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި ދޯނިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. އެމްއެންޑީއެފްގެ ޑައިވަރުން ވަނީ އެ ހަތަރު މީހުން ވެސް ސަލާމަތްތެރިކަމާ އެކު ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައެވެ.
އޭގެ ފަހުން، ފަރަށް އެރި ދޯނީގެ ވެރިފަރާތުން ފޮނުވި "އޯސަން ރައިޑް" ނަމަކަށް ކިޔާ ދޯނި ރޭގެ 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ހާބަރކްރާފްޓަށް ނެގި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން، އިތުރު ފަރުވާ ދިނުމަށްޓަކައި އެ މީހާ މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!