Ad
rt

ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ތެލަސީމިއާ ކެރިއަރ ތަޙުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ ތެލަސީމިއާ ސްކްރީން ކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޒަމާނީ ފެންވަރަކަށް ގެނައުމަށާއި، ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ މަޤްޞަދުގައި ގެނެވުނު ބަދަލެކެވެ.

"ތެލަސީމިއާ ކެރިއަރ ޑިޖިޓަލް ކާޑު" ތަޢާރަފުކުރުމާއެކު، މީގެކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑު ދޫކުރުން ވަނީ ނިމުމަކަށް ގެނެސްފައެވެ. މިގޮތުން އަލަށް ތަޢާރަފުކުރި ޑިޖިޓަލް ކާޑު، ޚިދުމަތް ހޯދާ ފަރާތްތަކަށް މިވަގުތު ފޯރުކޮށްދެމުން ގެންދަނީ ވަޓްސްއެޕް އަދި އީމެއިލްގެ ޒަރިއްޔާއިންނެވެ.

ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މި ކާޑުގައި، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ ކާޑުގެ ހަތް ބާވަތެއްގެ ސިފަ ހިމެނެއެވެ. މީގެއިތުރުން ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިޔުއާރް ކޯޑެއްވެސް ވަނީ ހިމަނާފައެވެ.

މި ކާޑުގައި ހިމެނޭ ކިޔުއާރް ކޯޑު މެދުވެރިކޮށް، ތެލަސީމިއާ ކެރިއަރުންނަށް ޢާއިލާ ރޭވުމުގައި ބޭނުންވާނެ މުހިންމު އިރުޝާދުތަކާއި މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ތެލަސީމިއާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ލިބިގެންދާނެ ބޮޑު ބާރެކެވެ.

ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން، ތެލަސީމިއާ ހުރިކަން ދެނެގަތުމަށް ޤާއިމުކޮށްފައިވާ ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ތެލަސީމިއާގެ އެކި ތަޙުލީލުތައް ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް ޤާއިމުކޮށް، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

އެގޮތުން ބައިނަލްއަޤުވާމީ ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ ގިނަ އަދަދެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ ޑީއެންއޭ ތަޙުލީލުގެ ޚިދުމަތް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމުން އަންނަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ. އަދި މިފަދަ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޑިޖިޓަލް ގޮތްތައް ބޭނުންކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދެކެވެ. ސަރުކާރުން އަންނަނީ މި ވަޢުދާ އެއްގޮތަށް ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.