ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ މުހިންމު މަސައްކަތްތަކެކެވެ. މީގެ އިތުރުން އޮފީސް އިމާރާތެއް އެޅުން ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.

މަގުހެދުމުގެ މަޝްރޫއުތަކަށް ބަލާއިރު، އަށް ރަށެއްގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި އދ. ހަންޏާމީދޫގެ 1.57 ކިލޯމީޓަރުގެ ވެލިމަގު ހެދުމުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމުމަށާއި، ބ. ކަމަދޫގެ 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި ތާރުއަޅައިގެން މަގު ހެދުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކ. މާފުށީގެ 2.29 ކިލޯމީޓަރު (780 ދުވަސް)، ނ. މާޅެންދޫގެ 2.075 ކިލޯމީޓަރު (630 ދުވަސް)، ރ. އަނގޮޅިތީމުގެ 3.1 ކިލޯމީޓަރު (720 ދުވަސް)، ރ. ވާދޫގެ 2.2 ކިލޯމީޓަރު (630 ދުވަސް)، ށ. ކޮމަންޑޫގެ 2.7 ކިލޯމީޓަރު (450 ދުވަސް) އަދި ތ. ވަންދޫގެ 2.4 ކިލޯމީޓަރުގެ މަގު (720 ދުވަސް) ހިމެނެއެވެ. މި ހުރިހާ ރަށެއްގައި ވެސް ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުން ކުރިއަށްދާނެއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ ދަށުން ހަ ރަށެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އއ. މާޅޮހުގައި މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް 360 ދުވަހަށް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ހއ. ތުރާކުނުގައި ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން 360 ދުވަހަށް، ހދ. ނައިވާދޫގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުން އަދި ވެލިން ގޮނޑުދޮށް މުއްސަނދިކުރުން 90 ދުވަހަށް، ހއ. ވަށަފަރުގައި ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން 360 ދުވަހަށް، ނ. މިލަދޫގައި ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން 450 ދުވަހަށް، އަދި ރ. ފައިނުގައި މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ބަލާއިރު، ކ. ތުލުސްދޫ އާއި ނ. ހޮޅުމީދޫގައި އެއްގަމުތޮށި ލުމާއި، ރިވެޓްމަންޓް ޖެހުމާއި، ބްރޭކްވޯޓާ އެޅުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުމުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. ތ. ކަނޑޫދޫގެ މިހާރުގެ ބަނދަރާއި ނެރު ފުންކުރުމާއި، އުތުރު ފަރާތުގެ ނެރު ފުންކުރުމުގެ އިތުރުން ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުމުގެ މަސައްކަތް 360 ދުވަހަށް ހަވާލުކުރިއިރު، ގއ. ކަނޑުހުޅުދޫގެ ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުމާއި، އެއްގަމުތޮށި، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް، ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބައްތި ހަރުކުރުމުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 480 ދުވަހެވެ. މީގެ އިތުރުން ގއ. ނިލަންދޫގެ ބަނދަރު މަޝްރޫއު 720 ދުވަހުން ނިންމުމަށާއި، ތ. ވިލުފުށީގެ ބަނދަރު މަޝްރޫއު 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުތަކުގެ އިތުރުން ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، އެ ދެ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުން ކުރިއަށްދާނެއެވެ. ހަމައެއާއެކު، ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފީސް އިމާރާތަކާއި، ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ހިމެނޭހެން އޮފީސް ކޮމްޕްލެކްސެއް ތަރައްގީކުރުމުގެ މަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.