އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާންމާ ދެކޮޅަށް، ނެދަލަންޑްސް ސަރުކާރުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށާއި ވިޔަފާރީގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި އެ ޤައުމުގެ ވެރިރަށް އެމްސްޓަޑަމްގެ މަގުތަކަށް ދެ ލައްކައަށް ވުރެ ގިނަ މީހުން އާދީއްތަ ދުވަހު ނުކުމެ ވަރުގަދަ މުޒާހަރާއެއް ކޮށްފިއެވެ.
މި މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑަޗް ގޮފިން ހާމަކުރި ގޮތުގައި، "ރެޑް ލައިން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބޮޑު ހިނގާލުމުގައި 200،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ގިނަ ބައިވެރިން ރަތް ކުލައިގެ ހެދުން އަޅައިގެން ތިބިއިރު، އެ މީހުން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި ނެދަލަންޑްސް ސަރުކާރުން ރަސްމީކޮށް ބަލައިގަތުމަށާއި، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ އެޕާތައިޑް ނިޒާމު ކުށްވެރިކުރުމަށް ގޮވާލައި "ފްރީ، ފްރީ ޕަލަސްތީން" ގެ އަޑުން މުޅި ސަރަޙައްދު ގުގުމާލާފައެވެ.
މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ މައިކް ވެން ޑޮންގެން ބުނެފައިވަނީ، އެ ބިމުގައި ހިނގަމުންދަނީ އިންސާނިއްޔަތާ މުޅިން ޚިލާފު ކަންކަން ކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ކަމަށާއި، ސީރިއަސް އެއްވެސް ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް ސަރުކާރުގެ ކިބައިގައި ނެތް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ފަލަސްތީނުގެ ޞިއްޙީ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ޣައްޒާގައި ޝަހީދުވި މީހުންގެ ޢަދަދު ވަނީ 74،643 އަށް އަރާފައެވެ. އަދި 175،962 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 22،000 ކުޑަކުދިން ހިމެނޭ ކަމަށާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން، 11 އޮކްޓޫބަރު 2025 ގެ ހަނގުރާމަ ހުއްޓާލުމަށް ފަހު ވެސް ޣައްޒާއިން 1،613 މީހުން ޝަހީދުވެ، 5،833 މީހުން ޒަޚަމްވެފައިވާއިރު، މާރިޗު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ޤަތުލުޢާންމާ ގުޅިގެން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. ހަމައެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އައިސީސީގެ ޕްރޮސެކިއުޓަރުން ސިއްރިޔާތުގައި އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ މައްސަލައިގައި ނެދަލަންޑްސް އާއި އިސްރާއީލުގެ ސިޔާސީ ގުޅުމަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން އިސްރާއީލާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކެބިނެޓުގެ ތާއީދު ނުލިބުމުން އެ ޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު ކެސްޕާ ވެލްޑްކަމްޕް މިދިޔަ އަހަރު އިސްތިއުފާ ދެއްވާފައިވާއިރު، އެކުލަވާލި އައު ކޯލިޝަނުން ވަނީ ސެޕްޓެމްބަރު މަހު އިސްރާއީލުގެ ޣައިރުޤާނޫނީ އާބާދީތަކުން މުދާ އެތެރެކުރުން މަނާކޮށްފައެވެ. ރައްދުގައި އިސްރާއީލުން ވަނީ ޑަޗް ޑިޕްލޮމެޓުންގެ ހުއްދަ ބާތިލުކޮށްފައެވެ.
މިދިޔަ އަހަރު ބޭއްވި މިފަދަ ހިނގާލުމެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ނެދަލަންޑްސްގެ ބޮޑުވަޒީރު ރޮބް ޖެޓެން އާދީއްތަ ދުވަހުގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފިޔަވަޅުތައް ދިފާޢުކުރައްވަމުން އޭނާ ވިދާޅުވީ، އެ ބިމުގެ ހިތާމަވެރި ހާލަތު ކުޑަކުރުމަށްޓަކައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކު ވެސް ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ޣައްޒާއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމުކުރުމަށް އިސްރާއީލަށް ސިޔާސީ އަދި ޑިޕްލޮމެޓިކް ގޮތުން ބާރުއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!