ހއ. ފިއްލަދޫ ކައުންސިލްގެ ރަސްމީ މަސައްކަތްތަކުގައި ބޭނުންކުރުމަށްޓަކައި އެ އިދާރާގެ މަރުކާ (ލޯގޯ) އަދި ސިއްކަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ހާމަކުރި ގޮތުގައި، މި މުބާރާތަށް ހުށަހަޅާ ފަރުމާތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ މަރުކާ އާއި ސިއްކައަކަށް 10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. މި ފުރުޞަތު އާންމު ފަރުދުންނާއި، ވިޔަފާރިވެރިން އަދި ކުންފުނިތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލެވިފައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފިއްލަދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ބިޑް ރަޖިސްޓްރީ ކުރާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ކައުންސިލުން އެދެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކަށް މަރުކާ އަދި ސިއްކަ ޑިޒައިންކުރަންވީ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓް ފޮނުވޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި ފުރުޞަތުގެ ދަށުން ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިއެވެ.

ފަރުމާކުރާ މަރުކާ އާއި ސިއްކަ ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޑިސެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ކަމަށް ކައުންސިލުން ބުނެއެވެ. އަދި މަރުކާ އާއި ސިއްކައިގެ ހާޑްކޮޕީ ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މީގެއިތުރުން، މަރުކާ އާއި ސިއްކަ ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އަންގައިދޭ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6500023 ނަންބަރަށް ގުޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.