ދުނިޔެ ވަށައި އަހަރުތަކަކަށް ދަތުރުކުރަން ފެށި އަގުބޮޑު ކްރޫޒް ލައިނާއެއް ހިންގާ އެމެރިކާގެ ކުންފުނީގެ ފައިސާ ހުސްވެ، ކެމްބޯޑިއާއަށް ފަސިންޖަރުން ދޫކޮށްލުމަށްފަހު އެ އުޅަނދު ސިންގަޕޫރުގެ ބަނދަރަށް ދިއުމުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

މި އުޅަނދުން ދަތުރުކުރި ގާތްގަނޑަކަށް 200 އެއްހާ މީހުން ވަނީ މިދިޔަ މަހު ކެމްބޯޑިއާއަށް ބާލައި މަގުމަތިކޮށްފައެވެ.

Ad
rt

"ދަ އޮޑިސީ" ނަމަކަށް ކިޔާ މި ކްރޫޒް ޝިޕް މިހާރު އޮތީ ސިންގަޕޫރުގެ ބަނދަރު ސަރަހައްދުގައި އަޅާފައި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ސިންގަޕޫރުގެ ޕޯޓް އޮތޯރިޓީން ބުނީ، ކޯޓު އަމުރެއްގެ ދަށުން އުޅަނދު ހިފަހައްޓާފައިވާއިރު، އޭގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ފަޅުވެރިންގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އެ އުޅަނދަށް ފައިސާ ލިބެންޖެހޭ ފަރާތްތަކުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މި މައްސަލައިގައި ކޯޓު އަމުރު ތަންފީޒުކުރާ ގާނޫނީ ފާމަކީ ސިންގަޕޫރުގެ ހެލްމްސްމަން އެލްއެލްސީ ކަމަށް ވިޔަސް، އެ ފާމުން ތަމްސީލުކުރަނީ ކޮން ފަރާތެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެމެރިކާގެ ވިލާ ވީ ރެސިޑެންސަސް ކުންފުނިން އޮޕަރޭޓްކުރި މި އުޅަނދަކީ 150 ގައުމަކަށް ތިން އަހަރާއި ބައިގެ މުއްދަތަށް ކުރާ ދަތުރަކަށް ފަރުމާކުރި އުޅަނދެކެވެ. ފަސިންޖަރުންނަށް ފުރުސަތު ދީފައިވަނީ އުމުރަށް ދިރިއުޅެވޭ ގޮތަށް ކެބިން އެއްކޮށް ގަތުމަށް ނުވަތަ ފަސް އަހަރުގެ މުއްދަތަކަށް ރެސިޑެންސީ ނެގުމަށެވެ. އަދި ދުވަސްކޮޅަކަށް ކެބިން ކުއްޔަށް ހިފުމުގެ ފުރުސަތު ވެސް އޮތެވެ. ދާއިމީކޮށް ކެބިން ގަތުމުގެ އަގު 120،000 ޑޮލަރާއި 440،000 ޑޮލަރާ ދެމެދުގައި އުޅޭއިރު، މަހަކު 3،500 ޑޮލަރަށް ވެސް ކެބިން ކުއްޔަށް ދޫކުރިއެވެ. މި ކުންފުނީގެ ބާނީ މައިކަލް ޕެޓަސަން މީގެ ކުރިން ބުނެފައިވަނީ، އާދައިގެ ކާރެއް ގަނެވޭނެ އަގަކަށް، ދުނިޔެ ވަށައި ދަތުރުކުރާ އުޅަނދަކުން އަމިއްލަ ގެއެއް މިލްކުކުރެވޭނެ ކަމަށެވެ.

އޮކްޓޫބަރު 2024 ގައި އަޔަލެންޑުގެ ބެލްފާސްޓުން ފުރި މި އުޅަނދުގެ ދަތުރު ފެށުނީއްސުރެ ދިޔައީ ތަފާތު އެކި މައްސަލަތަކާ ކުރިމަތިވަމުންނެވެ. އެގޮތުން މަރާމާތުތަކަށާއި ލިޔެކިޔުންތަކުގެ ސަބަބުން ދަތުރު ފެށުން ހަތަރު މަސްދުވަހަށް ލަސްވިއެވެ. މީގެ އިތުރުން ވިއެޓްނާމުގައި އުޅަނދު އޮތް ދުވަސްވަރު، ކާބޯތަކެތި ފޯރުކޮށްދޭ ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމުން ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ ފަރާތުން ދެކޮޅު ހެދި ކަމަށާއި، އެހެންވެ ފަޅުވެރިންނަށް ޖެހުނީ އެ ގައުމުގެ އާންމު ފިހާރަތަކުން ކާބޯތަކެތި ގަންނަން ކަމަށް ސީބީއެސް ނިއުސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ސީބީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އޮގަސްޓު މަހު ވަކި ދަތުރެއްގައި މި އުޅަނދު ސިންގަޕޫރަށް ދިޔަ ވަގުތު ވެސް، މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އުޅަނދު ހިފަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު ފަސިންޖަރުންނަށް ދީފައިވެއެވެ. އަދި ދަތުރު ކުރިއަށް ގެންދިއުމަށްޓަކައި ފަސިންޖަރުންގެ އަތުން ފައިސާ ހޯދަން ވެސް އޭރު ޖެހުނެވެ. މި އުޅަނދުގެ ފަސިންޖަރެއް ކަމަށްވާ ހޮލީ ހެނެސީ ބީބީސީއަށް ކިޔައިދިން ގޮތުގައި، ތެލުގެ އަގު އުފުލުމާ ގުޅިގެން އިތުރު ފީއެއް ދެއްކުމަށް އެމީހުންގެ ކިބައިން އެދުނު ކަމަށާއި، ދަތުރުގެ ޕްލޭން ވަރަށް ބޮޑަށް ކުރުކޮށްލަން ޖެހުނެވެ.

މި އުޅަނދުގެ ދަތުރު ކުއްލި ގޮތަކަށް ހުއްޓާލައި، ކެމްބޯޑިއާގެ ސިހަނޫކްވިލް ބަނދަރަށް ފަސިންޖަރުން ބާލަން ޖެހުނީ ތެލުގެ އަގު އިންތިހާއަށް އުފުލުމުން ކަމަށް ބުނެ ވިލާ ވީ ރެސިޑެންސަސް އިން ވަނީ އޮކްޓޫބަރު 27 ގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެ، އޭޝިއާގެ ބައެއް ހިސާބުތަކުގައި ކެބިނަކަށް މަހަކު ކުރަންޖެހޭ ތެލުގެ ހޭދަ 1،800 ޑޮލަރުން 8،000 ޑޮލަރަށް އުފުލުނު ކަމަށެވެ. އަދި ތެޔޮ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށާއި، ކެމްބޯޑިއާގައި ތިބި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކުންފުނިން ބުންޏެވެ. ކެމްބޯޑިއާއަށް ދަތުރު ހުއްޓާލިތާ ހަފުތާތަކެއް ފަހުން، މި މަހުގެ ކުރީކޮޅު އެ އުޅަނދު އަލުން ސިންގަޕޫރަށް ދަތުރުކުރުމުން މިހާރު މިވަނީ ހިފަހައްޓާފައެވެ.