ރާއްޖޭގެ ޑައިވިން ޕޮއިންޓެއްގެ 50 ފޫޓު އަޑީގައި ދެ ޑައިވަރެއްގެ ދެމެދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގެ ތެރެއިން، އެކެއްގެ މޫނުމަތީ މާސްކާއި އަނގަޔަށް ލައްވާ ނޭވާލާ ހޮޅި ނުވަތަ ރެގިއުލޭޓަރު ޖަހައިގަންނަން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
މި ހާދިސާ ހިނގާފައިވަނީ ގިނަ އަދަދަކަށް މީހުން ޑައިވްކުރަމުން ދިޔަ މަޝްހޫރު ޑައިވިން ސައިޓެއް ކަމަށްވާ ކުޑަރަށް ތިލައިގައެވެ. މި ހާދިސާ ހިނގިއިރު، އޮފް-ޑިއުޓީގައި ހުރި ޑައިވް އިންސްޓްރަކްޓަރެއް ކަމަށްވާ ޝިއާއޯ ޑޫ ދިޔައީ އޭނާގެ ރަހުމަތްތެރި އެހެން ޑައިވަރަކާއެކު އެ ސަރަހައްދު ބަލައިލުމަށް ފީނަމުންނެވެ. ޝިއާއޯ ތުހުމަތުކުރާ ގޮތުގައި އެހެން ތިން ޑައިވަރަކު އޭނާއާ ދިމާކުރިއިރު، އޭގެ ތެރެއިން އެކަކު ތިރިން އަރައި އޭނާ ކޮއްޕާލިއެވެ. އަދި ދުރަށް ފަތާފައި ދަމުން އެ މީހާގެ ފިންސުން ޖެހުމުން، ޝިއާއޯ ވަނީ އެ ފިންސް އެއްފަރާތް ކޮށްލައިފައެވެ. އެއާއެކު އަނެއް ގްރޫޕުގެ ޑައިވަރުން އިތުރަށް ރުޅިގަދަވި ކަމަށް ފެނެއެވެ.
އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ދިވެހި ގައިޑެއް ކަމަށް ޝިއާއޯ ބުނާ މީހާ ވަނީ އޭނާއާ ދިމާއަށް އައިސް ތަކުރާރުކޮށް އަތުގައި ހިފަހައްޓައިފައެވެ. އަދި އަތުން ނޭނގޭ އިޝާރާތްތަކެއް ކުރުމަށްފަހު، ކަނޑު އަޑީގައި ނޭވާލުމަށް ބޭނުންކުރާ ރެގިއުލޭޓަރު ނުވަތަ މައުތުޕީސް ޝިއާއޯގެ އަނގައިން ޖަހައިގަތުމަށް އެ ގައިޑު އުޅޭ މަންޒަރު ފެނެއެވެ. ނަމަވެސް، ޝިއާއޯ ވަނީ ފިންސުން ޖަހައި އެ މީހާ ދުރުކުރުމަށް މަސައްކަތްކޮށް، އެ ނުރައްކާތެރި ހާލަތުން ސަލާމަތްވެ ލޮނުގަނޑުގެ މައްޗަށް އަރައިފައެވެ.
އާންމުވި ވީޑިއޯގެ މަންޒަރެއް (ދަ ސަން)ލޮނުގަނޑުގެ މައްޗަށް އެރުމަށްފަހު ޝިއާއޯ ވަނީ ކައިރީގައި އޮތް އެހެން އުޅަނދެއްގައި ތިބި މީހުންނާ ދިމާއަށް އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
"ތިޔަ މީހުން އައިސް އަހަރެންގެ ގައިގައި ހިފެހެއްޓީ. އަހަރެންގެ މައުތުޕީސް ޖަހައިގަންނަން އުޅުނީ. ތިން މީހުން ވެގެން ކަނޑު އަޑީގައި އަހަރެން މަރާލަން އުޅުނީ! އަހަރެން އެކަނި ހުއްޓާ ތިން މީހުން ވެގެން ތިޔަ ހިންގީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް،" އެ ވަގުތު ނަގާފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވެއެވެ.
ޝިއާއޯ ޑައިވްކުރަމުން ދިޔައީ "މޯލްޑިވްސް ލެޖެންޑް ފްލީޓް" ގެ ލިވަބޯޑަކުންނެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މެހެމާނުންގެ ފަރާތުން ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އަޑުއެހުމަށްފަހު، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ލެޖެންޑްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން ފޭސްބުކްގައި ބުނީ، މި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ޑައިވް ގައިޑަކު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާއި އެ ކުންފުނީގެ މެހެމާނަކާ ދެމެދު ހިނގި ކަމަކާ ގުޅިގެން އެމީހުންގެ ޑައިވް ޓީމުން މެދުވެރިވި ހިސާބުން ކަމަށާއި، މި މައްސަލައިގައި އުފެދިފައިވާ ސީރިއަސް ތުހުމަތުތައް އިންސާފުވެރިކަމާއެކު ބަލަންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނީ، އެ ޖަމިއްޔާއިން ވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެންބީއޭއެމް އިން ވަނީ "މޯލްޑިވްސް ލެޖެންޑް ލިވަބޯޑް" އަދި "އިންފިނިޓީ އެކްސް" އާ ގުޅުންހުރި ޑައިވިން ޓީމުތަކުގެ މެމްބަރުން ހިމެނޭ މި ހާދިސާއާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!