ޗައިނާގެ މާލީ ބާޒާރުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުގެ ހިއްސާގެ އަގުތައް އިންތިހާއަށް އުފުލި އުފެދުނު "ބަބްލް" ފަޅައިގެން ގޮސް، ބާޒާރުގެ އަގުން ގާތްގަނޑަކަށް 480 ބިލިއަން އެމެރިކާ ޑޮލަރު ގެއްލިއްޖެއެވެ.
ޗައިނާގެ މައި ބާޒާރާއި ހޮންކޮންގުގެ ހިއްސާގެ ބާޒާރުގައި އޭއައި، ސެމީކޮންޑަކްޓާ އަދި ހާޑްވެއާ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާތައް ކުއްލިއަކަށް ބޮޑުތަނުން ވިއްކާލަން ފެށުމާ ގުޅިގެން މުޅި ދާއިރާއަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
މި ވެއްޓުމާ ގުޅިގެން، ޗައިނާގެ އެންމެ ކުރިއަރާފައިވާ އޭއައި އަދި ސެމީކޮންޑަކްޓާ އުފައްދާ ކުންފުނިތައް ހިމެނޭ "ސްޓާ 50" އިންޑެކްސް ވަނީ ޖުލައި މަހުގެ ކުރީކޮޅު ހުރި އެންމެ މަތީ އަގުން ފެށިގެން ހަތަރު މަސް ދުވަސް ނުވަނީސް 40 އިންސައްތަ ދަށަށް ވެއްޓިފައެވެ. މީގެ ކުރިން ބާޒާރުގައި 700 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ހޯދި ރޮބޮޓިކްސް އަދި އޭއައި ހާޑްވެއާގެ ބައެއް ބޮޑެތި ކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަނުން މިހާރު ވަނީ 50 އިންސައްތަ ގެއްލިފައެވެ. އޭގެ ތެރޭގައި އާންމު ހިއްސާދާރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ރޮބޮޓް އުފައްދާ ކުންފުނި "ޔުނިޓްރީ" ގެ ހިއްސާގެ އަގު ދެބައިކުޅަ އެއްބަޔަށް ވެއްޓުން ފާހަގަކޮށްލެވެއެވެ.
މި ކާރިސާގެ އަސަރު މުޅި ބާޒާރަށް ބޮޑަށް ކުރި އެއް ސަބަބަކީ، ޗައިނާގެ މާކެޓް ކެޕިޓަލައިޒޭޝަންގެ 42 އިންސައްތަ އަދި ދުވަހުން ދުވަހަށް ކުރެވޭ ހިއްސާގެ މުއާމަލާތްތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އޭއައި އަދި ސެމީކޮންޑަކްޓާ ދާއިރާއަށް ނިސްބަތްވުމެވެ. އަހަރުގެ ކުރީކޮޅު ކުންފުނިތަކުގެ ހަގީގީ މާލީ ފައިދާއާއި ކޭޝް ފްލޯއާ ނުބައްދަލު މިންވަރަކަށް އާންމު އިންވެސްޓަރުން ހިއްސާ ގަތުމުގެ ސަބަބުން އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. ނަމަވެސް، ޗައިނާގެ އަމިއްލަ ޖެނެރޭޓިވް އޭއައި ޚިދުމަތްތަކުންނާއި އެންޓަޕްރައިޒް މޮޑެލްތަކުން ދިގު މުއްދަތުގައި ވިޔަފާރީގެ ގޮތުން ފައިދާ ނެރެވޭނެ މިންވަރާމެދު އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރީގެ ހުރަސްތަކާއި ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް ޗައިނާގެ ކުންފުނިތަކަށް ވަނީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ވަކިން ޚާއްސަކޮށް، ކުރިއަރާފައިވާ ޗިޕްތަކާއި އޭއައި ހާޑްވެއާ ހޯދުމަށް ހުޅަނގުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މުހިންމު ސަޕްލައި ޗޭންތަކަށް ބުރޫއަރައި، ބޭރުގެ ބާޒާރުތަކަށް ފުޅާވުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.
ޗައިނާގެ އޭއައި ބާޒާރު ބޮޑުތަނުން ވެއްޓުނު ނަމަވެސް، އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓް، އަލްފަބެޓް، އެމެޒޯން އަދި މެޓާ ހިމެނޭ ބާޒާރު ފެންނަނީ މާ ބޮޑަށް ހަމައަކަށް އެޅިފައިވާ ތަނެވެ. އެމެރިކާގެ ނަސްޑެކް 100 އިންޑެކްސް ރެކޯޑް މިންވަރެއްގައި ހުރެފައި ދަށަށް ގޮސްފައިވަނީ ގާތްގަނޑަކަށް 6 އިންސައްތައަށެވެ. އެމެރިކާގެ ކުންފުނިތަކުން ކްލައުޑް ޚިދުމަތްތައް މެދުވެރިކޮށް އާމްދަނީ އިތުރުކުރަމުން އަންނައިރު، ޗައިނާގެ ސްޓާ 50 އިންޑެކްސްގައި ހިއްސާގެ އަގު އުޅެނީ ވޭތުވެދިޔަ ފައިދާއަށް ބަލާއިރު 100 ގުނަ މަތީގައެވެ. އޭގެ ބަދަލުގައި އެމެރިކާގެ ނަސްޑެކް 100 ގައި އެ ނިސްބަތް އުޅެނީ 30 ގުނައިގައެވެ.
ހިއްސާގެ ބާޒާރުގައި އުފެދުނު މާލީ ބަބްލް ފަޅައިގެން ގޮސް، ކުރީކޮޅުގެ ކުންފުނިތަކަށް ކެޕިޓަލް ހޯދުމުގައި ދަތިތަކާ ކުރިމަތިވި ނަމަވެސް، ޗައިނާގެ ސިނާއީ ތަރައްގީ މުޅިން ހުއްޓުމަކަށް ނާންނާނެއެވެ. ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު އޭއައި ދާއިރާގެ އަމިއްލަ ބާރުވެރިކަން ހޯދުމަށާއި، ދައުލަތުން ޚަރަދުކުރާ ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ބިނާކުރުމަށާއި، ގައުމުގެ އެތެރޭގެ ސަޕްލައި ޗޭން ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!