ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޖިއާނީ އިންފަންޓީނޯ އިންތިޚާބު ކުރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރަސްމީކޮށް ތާއީދުކޮށްފިއެވެ.
މި ނިންމުން އައިސްފައި މިވަނީ، އިތުބާރު ގެއްލޭ ފަދަ އަމަލުތަކެއް އިންފަންޓީނޯ ކުރެއްވި ކަމަށް ބުނެ މީގެ ދެ މަސް ކުރިން އޭއެފްސީން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ.
ޖަޕާނުގެ ޓޯކިޔޯގައި ހުކުރު ދުވަހު ބޭއްވި އޭއެފްސީގެ ޚާއްސަ ކޮންގްރެސް ބައްދަލުވުމުގައި، އެ އިދާރާގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވަނީ މެންބަރުންގެ ކުރިމަތީގައި އިންފަންޓީނޯއާ ސަލާމްކުރައްވައި ކޮނޑުގައި ބައްދާލައްވައިފައެވެ. އަދި އިންފަންޓީނޯގެ ލީޑަޝިޕަށާއި އައު ދައުރަކަށް ކުރިމަތިލައްވާ މައްސަލައިގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ޝައިޚް ސަލްމާން ވިދާޅުވިއެވެ.
އޭއެފްސީގައި ހިމެނޭ 47 މެންބަރު އެސޯސިއޭޝަނުގެ ތެރެއިން ހުރިހާ ގައުމަކުން މި ތާއީދަށް އެއްބަސްނުވި ނަމަވެސް، ގިނަ ގައުމުތަކުގެ ވޯޓު ލިބޭނެ ކަމަށް ޝައިޚް ސަލްމާން ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ މާޗް މަހު ބާއްވާ ފީފާގެ އިންތިޚާބުގައި އިންފަންޓީނޯއާ ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 18 އެވެ. އަދި މިހާތަނަށް އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް ފޯމު ހުށަހަޅާފައެއް ނުވެއެވެ. އޭއެފްސީގެ ތާއީދު ލިބުމުގެ ކުރިން ވެސް، ފީފާގެ 211 މެންބަރު ފެޑެރޭޝަނުގެ ސާދާ އަޣުލަބިއްޔަތު އިންފަންޓީނޯއަށް ލިބޭނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ހިސާބުތަކުން ވަނީ ދައްކައިފައެވެ.
އިންފަންޓީނޯ އަށް އޮތް ތާއީދު އިތުރަށް ބޮޑުވެގެން ދިޔައީ ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ދޭ މާލީ އެހީ 10 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ބޮޑުކުރުމަށް ފީފާ ކައުންސިލުން ނިންމުމާ ގުޅިގެންނެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، އޭނާ ފީފާގެ ރައީސްކަމާ ހަވާލުވުމުގެ ކުރިން ކޮންމެ މެންބަރަކަށް ހަތަރު އަހަރުން ލިބެމުން ދިޔައީ އެންމެ އެއް މިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ އަދަދު 25 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. މި ވާހަކައާއެކު ކޮންގްރެސްގެ ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
މި ނިންމުމަކީ އޭއެފްސީން ކުރިން ގެންގުޅުނު ވިސްނުމާ މުޅިން ޚިލާފު ބަދަލެކެވެ. ވޯލްޑް ކަޕާ ގުޅޭގޮތުން 4.2 ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލުމުގައި ހެދުނު "ގޯސްތަކަކާ" ގުޅިގެން، ފީފާގެ 37 މެންބަރުންގެ ކައުންސިލުގައި އިންފަންޓީނޯ މައާފަށް އެދިވަޑައިގެންފައި ވަނީ މިދިޔަ ހަފުތާގައި ޒިއުރިކްގައެވެ. މީގެ ކުރިން އޮގަސްޓް މަހު ޔޫރަޕާއި އުތުރު އަދި މެދުތެރޭ އެމެރިކާގެ ފުޓްބޯޅަ އިދާރާތަކާ ގުޅިގެން އޭއެފްސީން ބުނެފައިވަނީ އިންފަންޓީނޯ ވަނީ އިތުބާރު ގެއްލޭ ފަދަ ބޮޑެތި ކަންތައްތަކެއް ކުރައްވާފައެވެ.
ޝައިޚް ސަލްމާން ވިދާޅުވީ މާޒީގައި ކަންތައްތަކެއް ހިނގި ނަމަވެސް، އެކަންކަމުން އިބުރަތް ހާސިލުކޮށް، މިހާރު މުހިންމީ އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި އޭޝިއާގެ ގައުމުތަކަށް އިންފަންޓީނޯ ކުރެއްވި ގިނަ ދަތުރުތަކަށް އިޝާރާތް ކުރައްވައި، އޭނާގެ "ކްލޯން" އެއް ހުރީތޯ މަޖާޒީ ގޮތުން ޝައިޚް ސަލްމާން ސުވާލު އުފެއްދެވިއެވެ. މި ވާހަކަތަކަށް ޖަވާބު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، ގިނަ ކަންތައްތަކެއް ކުރާއިރު ކުށްތައް ވެސް ކުރެވޭނެ ކަމަށާއި، މުހިންމީ އެ ކަންކަމުން ފިލާވަޅު ލިބިގަނެ، މައާފަށް އެދި، އެންމެން އެކަތިގަނޑަކަށް ވެ މުސްތަގުބަލު ބިނާކުރުން ކަމަށެވެ. މީޑިއާތަކަށް ވަނުން މަނާކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުން ދެއްކީ އޭއެފްސީގެ ޔޫޓިއުބް ޗެނަލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!