އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ނަޒީރެވެ.
މި މަޝްރޫއަކީ ޖުމްލަ 21,572,640.09 (އެކާވީސް މިލިއަން ފަސްލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ސްޓެލްކޯއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މަހިބަދޫގެ ނަރުދަމާ ނިޒާމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އެކި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި މަސައްކަތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ނަރުދަމާގެ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ނިޒާމެއް ރަށުގައި ގާއިމުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ރަށްރަށުގެ ނަރުދަމާގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކޮށް، ސާފުތާހިރުކަމުގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!