ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކުޅިވަރު ފެސްޓިވަލް ރީބްރޭންޑްކޮށް، "ނެވި ސްޕޯޓްސް ފިއެސްޓާ 2026" ގެ ނަމުގައި އެ މުބާރާތް ބޭއްވުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކައުންސިލުން މިކަން އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން ރަޖިސްޓަރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 5 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00 ކަމަށް އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް ފަހު، ޓީމުތަކުގެ ލިސްޓު ހުށަހެޅުމަށް ވެސް ވަކި މުއްދަތެއް ވަނީ ކަނޑައަޅާފައެވެ.
ކައުންސިލްގެ އިއުލާނުގައިވާ ގޮތުން، ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރު 2026 ވާ ދުވަހުގެ މެންދުރުފަހު 1:00 އެވެ. އަދި މި އަހަރުގެ މި ކުޅިވަރު ފިއެސްޓާގެ މުބާރާތްތައް ފެށުމަށް ތާވަލުކޮށްފައި ވަނީ 12 ޑިސެމްބަރު 2026 ގައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ޓީމު ލިސްޓުގެ އިތުރުން ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ނުވަތަ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ނަމަ، އެ ތަކެތި ފޮނުވަން ޖެހޭނީ info@neykurendhoo.gov.mv އަށެވެ.
މި ފިއެސްޓާގެ އެޕްލިކޭޝަން ފޯމުތައް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ނޭކުރެންދޫ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން، އޮންލައިންކޮށް އެޕްލިކޭޝަން ފޯމާއި މުބާރާތުގެ ގަވާއިދު ބަލައިލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލިންކެއް މެދުވެރިކޮށް ވެސް އެ ލިޔެކިޔުންތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ނޭކުރެންދޫ ކައުންސިލުން ބުނީ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ފޯނު ނަންބަރު 6520042 އާ ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!