ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަޙައްދުގައި އެހެން ދީންތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، އެތަނުގައި އަބަދުވެސް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށްޓަކައި، ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ މި ހަފްތާގެ ޕްރޮގްރާމުގައި ރަސްމާލޭގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މާލެ ސަރަހައްދާ ކައިރީގައި ބިދޭސީ އާބާދީއެއް އުފެދި އެހެން ދީންތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވައި ކަންބޮޑުވުންތައް ސާފުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

Ad
rt

ރާއްޖޭގައި މިހާރުވެސް ބިދޭސީން ދިރިއުޅެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ޤައުމުގައި އެއްވަގުތެއްގައި އަބަދުވެސް ދެ ލައްކައެއްހާ ފަތުރުވެރިން ތިބޭ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ބަޔަކަށް ރާއްޖޭގައި ދީނީ ކަންކަން ފާޅުގައި ކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރިސޯޓުތަކުގައި ފަތުރުވެރިން ތިބި ނަމަވެސް އެ ތަންތަނުގައި އެހެން ދީންތަކުގެ އަޅުކަން ކުރާ އިމާރާތެއް ނުހުންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުންނަނީ ހަމައެކަނި މިސްކިތް ކަމަށާއި ރަސްމާލޭގައިވެސް ހުންނާނީ މިސްކިތް ކަމަށެވެ. މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބޮޑު އާބާދީއެއް އޮތްއިރު، އޭގެ ތެރެއިން ލައްކައެއް ނުވަތަ ދެ ލައްކައެއްހާ ބިދޭސީން މާލެ ސަރަހައްދުގައި އުޅޭކަމަށާއި، ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން އެކަމަށް ރިއާޔަތް ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ސަރަހައްދުގައި ބޭރުގެ ބަޔަކު ދާއިމަށް ވަޒަންވެރިވެ، ކިޔަވައިދިނުމާއި އެހެން ދީންތަކުގެ ބިނާތައް ހެދުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެ ފަތުރާ ވާހަކަތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދޮގުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްޤީކުރާ ތަންތަން ގަންނަ ފަރާތްތަކާއި ޒިޔާރަތްކުރާ ފަތުރުވެރިން އެތަންތަނަށް އައިސްފައި ދާނެ ކަމަށެވެ. އަދި އެތަންތަނުގައި އެމީހުންގެ ދީނީ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެ ކަމަށާއި، އެތަނުގައި ސްކޫލެއް ނުހުންނާނެ ކަމަށާއި ހުންނާނީ ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ތެރެއިން އެއްވެސް ފަރާތަކަށް ދިވެހި ރައްޔިތުކަން ނުލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މީގެއިތުރުން ރަސްމާލެ މަޝްރޫޢުގެ ތެރެއިން ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމުގައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.