ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިވިލް އަންހެން މުވައްޒަފުންނަށް ޚާއްޞަކޮށްގެން ފޯރަމެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އިން އިންތިޒާމުކޮށްގެންނެވެ.

Ad
rt

މި ފޯރަމަކީ ސިވިލް މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ރޫޙާއި، މުއައްސަސާއަށް އޮންނަ ލޯބި އިތުރުކުރުމުގެ އިތުރުން ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބޭއްވި ފޯރަމެކެވެ. މީގެއިތުރުން ފުލުހުންގެ ޚިދުމަތުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ސިވިލް މުވައްޒަފުންގެ ހުނަރުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މުވައްޒަފުންގެ ފަންނީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުންނާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ހުރަސްތަކާ ބެހޭގޮތުން މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާކޮށް ބައްޓަންކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

މި ފޯރަމްގައި ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ހޯޕް ފޯ ވިމެންގެ ވައިސް ޗެއަރޕާސަން ޢާއިޝަތު ޙުސައިން ޝިހާބެވެ. އޭނާ ވަނީ "މަސައްކަތު މާހައުލުގައި ކުރިމަތިވާ ނަފުސާނީ ބުރަ" މި މަޢުޟޫޢުގެ ދަށުން ބައިވެރިންނަށް މުހިންމު މަޢުލޫމާތުތަކެއް ޙިއްޞާކުރައްވާފައެވެ.

މީގެއިތުރުން މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ރައީސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ޙަސަނެވެ. އެކަމަނާގެ ސެޝަން ކުރިއަށް ގެންދެވީ "ދުޅަހެޔޮ މަސައްކަތު މާހައުލަކަށް ބޭނުންވާ ސުލޫކުތައް" މި މަޢުޟޫޢަށެވެ.

ޖުމްލަ 40 މުވައްޒަފުން ބައިވެރިވި މި ފޯރަމަކީ އަންހެން މުވައްޒަފުން އެމީހުންގެ ތަޖުރިބާތައް ޙިއްޞާކުރުމަށް ލިބުނު ފުރުޞަތެކެވެ. ހަމައެއާއެކު، ވަޒީފާގެ މައިދާނުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށް ފަހިވެގެންދިޔަ މުހިންމު ބައްދަލުވުމެއްގެ ގޮތުގައިވެސް މި ފޯރަމް ވެގެންދިޔައެވެ.