ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އޮކްޓޫބަރު 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. އަދި މި ދަތުރުފުޅަކީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވާއިރު، މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމުގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާތަކެއް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމު އެއްބަސްވުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މީގެއިތުރުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ވެސް މި ދަތުރުފުޅުގެ ތެރެއިން ޤާއިމުކުރެވޭނެއެވެ. ހަމައެއާއެކު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ ދާއިރާއިންނާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ޤައުމުގެ ދެމެދުގައި ބޭއްވޭ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކަށް ވެސް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ދިރުވައި ހިންގުމާ ގުޅޭގޮތުންނާއި، އދ. އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގައި އިސްލާމްއާބާދުގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރުގެ ރިޔާސަތުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ވެސް ފައިދާހުރި ބައިވެރިވުމެއް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަގާފީ ހޫނު މެހެމާންދާރީ ފެންނާނެހެން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށްގެން މަސައްކަތް ކުރުމަށް އޭނާ ވަނީ އެ ޤައުމުގެ ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!