ގދ. ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިއީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، އަފާޒާ ގުޅުންހުރި ކަމަށް ބެލެވޭ ތިނަދޫ ފުލެޓެއް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެ ފުލެޓް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ވަނީ ފެނިފައެވެ.
އޭގެ އިތުރުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ތިން ހަމާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ފުޅިއެއް ވެސް އެ ތަނުން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު އަފާޒު ބިން ޢަބްދުﷲ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!