ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން މިއަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި މޮރޮކޯ އަށް ދިނުމަށް ކެފް އިން ނިންމި ނިންމުން ސެނެގޯލުން އިސްތިއުނާފު ކުރި މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކޯޓުން ކަށަވަރުކޮށްދީފިއެވެ.
ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކާސް އިން ބުނީ މި މަރުހަލާއަށް މަދު ހަފުތާތަކެއް ބޭނުންވާ ކަމަށާއި، ކާސްގެ ރަސްމީ ނިންމުން ނުވަތަ "ކާސް އެވޯޑް" 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މޮރޮކޯގެ ވެރިރަށް ރަބާތުގައި މިދިޔަ ޖެނުއަރީ މަހު ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި 1-0 އިން ސެނެގޯލް މޮޅުވެފައި ވަނިކޮށް، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން ވަނީ ޗެމްޕިއަންކަން މޮރޮކޯއަށް ދީފައެވެ. މި މައްސަލައިގައި ސެނެގޯލާއި މޮރޮކޯ އަދި ކެފްގެ އަޑުއެހުންތައް ސްވިޒަލެންޑުގެ ލައުޒާންގައި ހުންނަ ކާސްގައި ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
އަޑުއެހުންތަކަށް ފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ކުރިން ބުނި ނަމަވެސް، ކާސް އިން މިހާރު ނިންމާފައިވަނީ ގާނޫނީ ހުރިހާ އަސާސްތަކެއް ހިމެނޭ ފުރިހަމަ ހުކުމެއް ނެރުމަށެވެ. މި މައްސަލަ ފެންމަތިވީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް ސެނެގޯލާ ދެކޮޅަށް ޕެނަލްޓީއެއް ދިނުމުން، އެކަމާ ދެކޮޅު ހަދައި ސެނެގޯލްގެ ކުޅުންތެރިން 14 މިނެޓަށް ދަނޑުން ފޭބުމުންނެވެ. އަދި ބައެއް ކުޅުންތެރިން އިހުތިޖާޖު ކުރުމުގެ ގޮތުން ޗޭންޖިން ރޫމަށް ވެސް ދިޔައެވެ.
އޭގެ ފަހުން އެނބުރި ދަނޑަށް އަރައި މެޗު ކުރިއަށް ގެންދިޔައިރު، މޮރޮކޯ އަތުން އެ ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ސެނެގޯލުން ލަނޑު ޖަހައި ކާމިޔާބީ ހޯދިއެވެ. ނަމަވެސް އޭގެ ދެ މަސް ފަހުން ކެފްގެ އެޕީލް ބޯޑުން ނިންމީ މެޗު ދޫކޮށް ދަނޑުން ފޭބުމުން ސެނެގޯލް ބަލިވި ކަމަށެވެ. އަދި ކުރީގެ ނަތީޖާ ބާތިލުކޮށް، 3-0 އިން މޮރޮކޯ މޮޅުވި ކަމަށް ކަނޑައެޅިއެވެ.
މިއާއެކު ސެނެގޯލުން ވަނީ މިދިޔަ މާޗު މަހުގެ 25 ގައި ކާސް އަށް މި މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުނީ ހަ މަސް ފަހުންނެވެ. ސެނެގޯލްގެ މައިގަނޑު ހުއްޖަތަކީ ރެފްރީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި، މެޗު ފުރިހަމަކުރަން ރެފްރީ ހުއްދަ ދީފައިވާ ކަމެވެ. މި މައްސަލައިގެ އަޑުއެހުންތަކަށް ފަހު ކާސްގެ ޑިރެކްޓާ ޖެނެރަލް މެތިއު ރީބް ވިދާޅުވީ، ސެނެގޯލާއި މޮރޮކޯގެ ފައިނަލަށް މަސްތަކެއް ވެފައިވާއިރު، މިއީ ސަޕޯޓަރުންނަށް ގިނަ ދުވަހު އިންތިޒާރު ކުރަން ޖެހުނު ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހަގީގަތްތައް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، ބަހުސްތައް ކުރިއަށްދާނީ އިޖުރާއީ ބައެއް ކަންކަމާއި ގާނޫނީ ކަންކަމާ ގުޅޭގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ބަލާ ކާސްގެ ޕެނަލްގެ ރިޔާސަތު ބަލަހައްޓަވަނީ ފްރާންސްގެ ކުޅިވަރު ގާނޫނާ ބެހޭ މާހިރު ޖެރާލްޑް ސައިމަން އެވެ. އޭނާގެ އިތުރުން މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ އިޓަލީގެ ބައިނަލްއަގުވާމީ ގާނޫނާ ބެހޭ ޕްރޮފެސަރު ލުއިޖީ ފުމަގައްލީ އާއި ހެމްބާގަށް ނިސްބަތްވާ ވަކީލު އަދި ޔުނިވާސިޓީ އޮފް ޒިއުރިކްގެ ގާނޫނާ ބެހޭ ޕްރޮފެސަރު އުލްރިކް ހާސް އެވެ. ކާސްގެ ނިންމުންތަކަކީ ގައުމީ ކޯޓެއްގެ ހުކުމާ އެއްވަރުގެ ބާރެއް ލިބިގެންވާ ނިންމުންތަކަކަށް ވާއިރު، ހާލަތަށް ބަލައި ކުޅިވަރު ފެޑެރޭޝަންތަކަށް ނުވަތަ ދައުލަތުގެ ކޯޓުތަކަށް އެ ނިންމުން ތަންފީޒު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!