ފ. ބިލެތްދޫއަށް ދަތުރުކުރި ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު، އޭނާ ގެންގުޅުނު ފޮށިގަނޑަކުން 600 އަށް ވުރެ ގިނަ މަސްތުވާތަކެތީގެ ޕެކެޓާ އެކު ފުލުހުން އަތުލައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފ. ބިލެތްދޫ، ސާމަރާމަންޒިލް، ޢުމުރުން 43 އަހަރުގެ ޖަމްޝީދު އިސްމާޢީލެވެ. އޭނާ ހައްޔަރުކުރީ ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

Ad
rt

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ބިލެތްދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގައި މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ.

ބިލެތްދޫ ޕޮލިހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު ބަނދަރު ސަރަޙައްދުން އޭނާ ހުއްޓުވައި ފާސްކޮށްފައިވެއެވެ. އެގޮތުން އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 662 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޖަމްޝީދު އިސްމާޢީލްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.