ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

Ad
rt

އެ ޖަވާބު މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި އިއްވާފައިވާއިރު، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިވަގުތު އެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ ފަސް އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓާއި، ހދ. މަކުނުދޫ އެއާޕޯޓާއި، ފ. މަގޫދޫ އެއާޕޯޓާއި، ރ. އަލިފުށީ އެއާޕޯޓުގެ އިތުރުން ލ. އިސްދޫ ކަލައިދޫ އެއާޕޯޓެވެ.

މި މަޝްރޫއުތަކާ ގުޅޭތުން ޖަވާބުދެއްވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، އެ ވުޒާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިވަގުތު 5 އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

''މި މަސައްކަތްތައް ކުރިއަށްދަނީ އެކި މަރުހަލާތަކުގައި. އަދި މި މަޝްރޫއުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެކަމަށް ނުބެލެވޭ،" ވަޒީރުގެ ޖަވާބުގައި ވިދާޅުވެފަވެއެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުތަކަށް 540 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.