ދިރުވާލައިގެން ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މި ދެ ފަސިންޖަރުން އަތުލައިގެންފައިވަނީ ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން ރާއްޖެ އެތެރެވާން އުޅުމުގެ ތެރޭގައެވެ.

Ad
rt

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގެންފައިވަނީ ތައިލެންޑުން ރާއްޖެ އައި ނޭޕާލުގެ ދެ ފަސިންޖަރުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ 2026 ސެޕްޓެންބަރު 25 ވަނަ ދުވަހުއެވެ.

އެ ދެ މީހުން ހުއްޓުވީ އެއާޕޯޓުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެންނެވެ. އެއާއެކު ކަސްޓަމްސްގެ އޮފިސަރުން އެ ދެ ފަސިންޖަރުންނާ ސުވާލުކޮށް، އިތުރަށް ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައި އެ މީހުން މަސްތުވާތަކެތި އެތެރެކުރާކަން ވަނީ ފާހަގަކުރެވިފައެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެކި ބާވަތްތައް ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ މީހުންގެ އަތުން 51.6 ގުރާމުގެ މޯފިން އާއި 424 ގުރާމުގެ ކޮކެއިން ވަނީ އަތުލައިގެންފައެވެ.

މީގެ އިތުރުން، އެ ދެ މީހުންގެ އަތުން 708.2 ގުރާމުގެ ހެރޮއިން ވެސް ވަނީ ފެނިފައެވެ. މި ހުރިހާ ބާވަތްތައް އެއްކޮށްލުމުން އެ ދެ ފަސިންޖަރުން ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ބަރުދަން ކިލޯއަކަށް ވުރެ އިތުރުވެއެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހަށިގަނޑުގައި ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް އެތެރެކުރަން އުޅޭ މިފަދަ ތަކެތި އަތުލައިގަންނަ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.