އިޒްރޭލުން ހިސޯރުކޮށްފައިވާ ހުޅަނގު އައްޑޭރީގައި ޔަހޫދީ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާއެއްގައި، އެމެރިކާގެ ދަ ވޮޝިންޓަން ޕޯސްޓް ނޫހަށް މަސައްކަތްކުރާ ފޮޓޯގްރާފަރު ހައިޑީ ލެވީންގެ މައިބަދައިގެ ބައެއް ކަށިތައް ބިންދައިގެން ގޮސް، އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ މިފަދަ ހަމަލާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިން މި ހަމަލާގައި ލެވީންގެ މައިބަދައިގެ އިތުރުން ފޫކޮޅަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާތީ ހޮސްޕިޓަލުގައި ފަހަން ވެސް ޖެހުނެވެ.

Ad
rt

ހޮސްޕިޓަލުގެ އެނދުގައި އޮވެ ލެވީން ބުނީ، މި ހާދިސާ ހިނގި ކަމުގެ ހުރިހާ ހެއްކެއް ސާފުކޮށް ފެންނަން އޮތްއިރު ވެސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއީ "ހިނގި ކަމަށް ބުނާ" ކަމެއްގެ ގޮތުގައި ސިފަކުރުމުން އިންތިހާއަށް ކަންބޮޑުވެ، އަދި އެކަމާ މާޔޫސްވެފައިވާ ކަމަށެވެ. ނަތަންޔާހޫ ވަނީ ވަޒަންވެރިންގެ މި އަނިޔާވެރި އަމަލުތަކަކީ މަދު ބަޔަކު ހިންގާ ހަމަނުޖެހުމެއްގެ ގޮތުގައި ސިފަކޮށް، މައްސަލަ އޮއްބާލަން މަސައްކަތް ކޮށްފައެވެ.

ހުކުރު ދުވަހު ދިން މި ހަމަލާގެ ތަފުސީލު ދެމުން ލެވީން ބުނީ، ފުޅިއާއި އޮށްގާ އުކާ ހަތިޔާރު އަޅައިގެން ތިބި ޔަހޫދީ ޓެރަރިސްޓުން އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު ގާތްގަނޑަކަށް 10 މިނެޓު ވަންދެން ކޮޅުފައިން ޖަހައި އަނިޔާކުރި ކަމަށެވެ. އެ ވަގުތު އޭނާ މަސައްކަތް ކުރަމުން ދިޔައީ ކެމެރާއާއި ދަބަސް ހިމާޔަތް ކުރުމަށް ކަމަށާއި، އިތުރު ބޮޑެތި ޒަޚަމްތަކުން އޭނާ ސަލާމަތްވީ އަޅައިގެން ހުރި ހެލްމެޓާއި "ޕްރެސް" ޖަހާފައިވާ ރައްކާތެރިކަމުގެ ވެސްޓުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ރައްޔިތުން ޒައިތޫނި ބިންނަ ނާޒުކު މޫސުމާ ދިމާކޮށެވެ. ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ޔަހޫދީ ވަޒަންވެރިން ވަނީ ސައްތައިން ގުނާލެވޭ އަދަދަކަށް ފަލަސްތީނު މީހުންނަށް ހަމަލާދީ، ބައެއް މީހުން މަރާލައި، އަދި އެމީހުންގެ ތާރީޚާ ގުޅިފައިވާ އެތައް ޒައިތޫނި ގަހެއް ހަލާކުކޮށްލާފައެވެ. އަދި މި ހަމަލާ ދިންތާ ޖެހިގެން އައި ދުވަހު، ކްރިސްޓިއަން އަވަށެއްގައި ޔޫރަޕުގެ ޑިޕްލޮމެޓުންތަކަކަށް ވެސް ވަޒަންވެރިން ވަނީ ހަމަލާދީފައެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވަނީ މޫނު ނިވާކޮށްގެން ތިބި ފިނޑިން ދިން މި ހަމަލާއަކީ ނުބައި ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެ، އެމީހުން އެތައް އަހަރަކަށް ޖަލަށް ލާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިޒްރޭލުގެ ރައީސް އައިޒަކް ހެރްޒޮގް ލެވީންއަށް ގުޅުއްވައި ހިތާމަ ފާޅުކުރެއްވި އިރު، އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔާލޯން އާއި ކުރީގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިން ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެންމެ މަތީ ފަންތިން ވާގިވެރިވާ މިފަދަ އަނިޔާވެރި އަމަލުތަކަކީ މުޅި އިޒްރޭލަށް ލިބޭ ބޮޑު ލަދެއް ކަމަށެވެ.

އަންނަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގައި ބާއްވާ އިންތިޚާބާ ނަތަންޔާހޫ ކުރިމަތިލާއިރު، ބައިނަލްއަގުވާމީ ގޮތުން ޣައިރުގާނޫނީ ކަމަށް ބަލާ ވަޒަންވެރިކުރުވުމުގެ ސިޔާސަތަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ސަރަހައްދުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ނޫސްވެރިކަން ކޮށްފައިވާ ލެވީން ބުނީ، އިޒްރޭލުގެ އަސްކަރިއްޔާއިން އަބަދުވެސް ރައްކާތެރިކަން ދެނީ ވަޒަންވެރިންނަށް ކަމަށެވެ. އަދި "އެމީހުން މަގޭ ކަށިތައް ބިންދާލި ނަމަވެސް، މަގޭ ހިތްވަރެއް ނުބިންދޭނެ" ކަމަށް ބުނެ، ލަސްތަކެއް ނުވެ އަނެއްކާވެސް މަސައްކަތަށް ނުކުންނާނެ ކަމަށް އޭނާ ބުންޏެވެ.