ފުޓްބޯޅައިގެ އެންމެ ޒަމާންވީ އެއް އާދަކަމަށްވާ ރެފްރީން ރީނދޫ އަދި ރަތް ކާޑު ދެއްކުމުގެ ބަދަލުގައި، ޑިޖިޓަލް ސްކްރީނެއް ހިމެނޭ ފޯނެއް ވަރުގެ އިލެކްޓްރޯނިކް ޑިވައިސެއް އުރުގުއާއީގެ ފުޓްބޯޅަ މެޗެއްގައި ޓެސްޓުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުޅުނު ކޮޕާ އުރުގުއާއީ މުބާރާތުގައި، ނަސިއޮނާލް އަދި ރެންޓިސްޓާސް ބައްދަލުކުރި މެޗުގައި ކުޅުންތެރިއަކަށް އިންޒާރު ދިނުމަށް މި ޑިވައިސް ބޭނުންކުރީ މެޗުގެ ރެފްރީ އެޑުއާޑޯ ވަރޭލާއެވެ.

Ad
rt

މި ޓެކްނޮލޮޖީއަކީ މެޗުތަކުގައި ފިޔަވަޅު އަޅާ ކަންކަން ވަގުތުން ޑިޖިޓަލްކޮށް ރެކޯޑުކޮށް، ރެފްރީންގެ އިދާރީ މަސައްކަތްތައް ލުއިފަސޭހަކޮށްދިނުމަށް އުފައްދާފައިވާ ނިޒާމެކެވެ. މިއީ "އާރްއީއެފްއީ" (REFe) ކުންފުނިން ތަރައްގީކުރަމުން އަންނަ ޕްރޮޖެކްޓެކެވެ. އެ ކުންފުނީގެ ޑިރެކްޓަރު މައުރޯ ސައްކޯ، ހުކުރު ދުވަހު އުރުގުއާއީގެ ރޭޑިއޯއެއް ކަމަށްވާ "އެލް އެސްޕެކްޓަޑޯ ޑިޕޯޓެސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އެ ކުންފުނީގެ އަމާޒަކީ ފުޓްބޯޅައިގައި އަދިވެސް އެނަލޮގްކޮށް އޮތް ހަމައެކަނި ކަންތަކަށް ޓެކްނޮލޮޖީ ތައާރަފުކުރުން ކަމަށެވެ.

މި ޚިޔާލު އުފެދުނީ މީގެ ތިން އަހަރަށް ވުރެ ކުރިން، ވިއްސާރަ ދުވަހެއްގައި ކުޅުނު މެޗެއް ބަލަން ސައްކޯއާއި އެ ކުންފުނީގެ އަނެއް ޑިރެކްޓަރު ޑިއޭގޯ ޑެ ލަ ޕެނާ ތިބިއިރުއެވެ. އެ މެޗުގައި ރެފްރީން އަތުން ލިޔެގެން އިންޒާރުތައް ރެކޯޑުކުރުމަށް ފަހު، ފަހުން އެ މައުލޫމާތުތައް ޑިޖިޓަލް ސިސްޓަމްތަކަށް އަޅަން ޖެހޭ މަންޒަރު ފެނުމުން މިފަދަ ނިޒާމެއްގެ ޚިޔާލު އެ ދެ މީހުންނަށް އައެވެ. އައު ޑިވައިސްގެ އެހީގައި ހާދިސާތައް ހިނގި ސީދާ ވަގުތާއެކު ރެކޯޑުކުރެވޭއިރު، އަމާޒަކީ އުރުގުއާއީ ފުޓްބޯލް އެސޯސިއޭޝަންގެ ކޮމެޓް (COMET) ޕްލެޓްފޯމަށް ރަސްމީ ރެކޯޑުތައް ފޮނުވުން އަވަސްކޮށްދިނުމެވެ.

މެޗުގައި މި ޑިވައިސް ބޭނުންކުރި ރެފްރީ ވަރޭލާ ބުނީ، ޑިވައިސް ބޭނުންކުރަން ފަސޭހަ ކަމަށާއި ސޮފްޓްވެއާގެ ރެސްޕޮންސް ވެސް ވަރަށް އަވަސް ކަމަށެވެ. ނަމަވެސް، އާދަކާދައިގެ މަތިން އަވަހަށް ކާޑު ދައްކާލުމުން ފެންނަ ފޯރި އާއި ޖޯޝު ނުވަތަ "ޖާދޫ" މި ޑިވައިސްއިން ކޮންމެވެސް ވަރަކަށް ގެއްލޭކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު ހާއްސަކޮށް އިދާރީ ގޮތުން މި ޑިވައިސްގެ ސަބަބުން ރެފްރީންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވަރޭލާ ބުންޏެވެ.

މި ޓެސްޓުތަކުން ބައެއް ގޮންޖެހުންތައް ވެސް ވަނީ ފާހަގަވެފައެވެ. އޭގެ ތެރޭގައި ސްކްރީން ސާފުކޮށް ފެނުމުގެ މައްސަލަ ހިމެނެއެވެ. އިރުގެ އަލީގެ ސަބަބުން ސްކްރީން ބަލަން އުނދަގޫވުމުން ކުރިން ހެދި ޓެސްޓެއް ވަނީ ހުއްޓާލަން ވެސް ޖެހިފައެވެ. އަދި ބުރާސްފަތި ދުވަހުގެ މެޗުގައި ވެސް ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންނަށާއި ޓީވީން ބެލި މީހުންނަށް ބައެއް ނިންމުންތައް ވަކިކުރަން އުނދަގޫވި ކަމަށް ފާހަގަކުރެވުނެވެ. ޑެ ލަ ޕެނާ ބުނީ މިއީ އިތުރަށް ރަނގަޅުކުރަން ޖެހޭ ޕްރޮޖެކްޓެއް ކަމަށާއި، ރީނދޫ ކާޑު ރީނދޫކޮށް އަދި ރަތް ކާޑު ރަތްކޮށް ދަނޑުގައި ތިބި މީހުންނަށާއި ޓީވީން ބަލާ މީހުންނަށް ސާފުކޮށް ފެންނަންޖެހޭނެ ކަމަށެވެ. އެހެންކަމުން ސްކްރީނުގެ ކުލަތައް ސާފުކޮށް ދެއްކުމަށްޓަކައި، ޑިވައިސްގެ ވަށައިގެން އެލްއީޑީ އަލި ހަރުކުރުން ފަދަ ބަދަލުތައް ގެނައުމަށް ވިސްނަމުންދާ ކަމަށް އޭނާ ބުންޏެވެ.

މި ޑިވައިސްގެ ބްރޭންޑް މިހާރު ރަޖިސްޓްރީކޮށް، ހާޑްވެއާ އަދި ސޮފްޓްވެއާގެ ޕޭޓެންޓް ވަނީ ހޯދާފައެވެ. މި ޓެކްނޮލޮޖީގެ ޑިވެލޮޕަރުން ތިބީ ޗައިނާގައެވެ. އޮންލައިންކޮށް މިކަމަށް އެކި ގޮތްގޮތަށް ހިޔާލު ފާޅުކޮށް، މީމްތައް ވެސް ހަދަމުންދާއިރު، ސައްކޯ ބުނީ ކޮންމެ އައު އީޖާދަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށާއި މުހިންމީ މިކަމާ މެދު މީހުން ވާހަކަދެއްކުން ކަމަށެވެ. އާރްއީއެފްއީގެ އުއްމީދަކީ މި ޓެކްނޮލޮޖީ އިތުރަށް ފުރިހަމަކޮށް، ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލް އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ (FIFA) އިން މި ޑިވައިސް ރަސްމީކޮށް ބަލައިގަތުމެވެ.