ތަޢުލީމީ ދާއިރާގެ އިސްލާޙުތަކަށާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި އާންމު ޚިދުމަތްތައް ދަށަށްދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ފްރާންސްގެ އެކި ކަންކޮޅުތަކުގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ހޮނިހިރު ދުވަހު ފްރާންސްގެ އެކި ސިޓީތަކުގައި 550،000 އަށް ވުރެ ގިނަ މީހުން އެއްވި އިރު، ވެރިރަށް ޕެރިހުގައި އެކަނިވެސް 110،000 އެއްހާ މީހުން ވަނީ މަގުތަކަށް ނުކުމެ އަޑުއުފުލައި، މުޅި ސަރަޙައްދު ހަލަބޮލިކޮށްލާފައެވެ.
ޕެރިހުގެ ޕްލާސް ޑި ލާ ރިޕަބްލިކް މައިދާނަށް އެއްވި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައިވާއިރު، މުޅި ސަރަޙައްދު ވަނީ ދުމުން ބަންދުވެފައެވެ. މެންދުރު ފަހުން ފެށިގެން މަސްރަޙު ގޯސްވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ބައެއް މީހުން ވަނީ ފުލުހުންނާ ދިމާލަށް ބަޑިބޭހުގެ ހަމަލާތައް ފޮނުވައި، ކާރަކާއި ނޫސް ވިއްކާ ކިއޮސްކެއްގައި ރޯކޮށްލާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ކައިރީގައި ހުރި ކެފޭތަކާއި ފިހާރަތައް ބަންދުކުރަން މަޖުބޫރުވި އިރު، އަލިފާންނިވާ ލޮރީތަކުގެ ސައިރަންގެ އަޑު މުޅި ސިޓީގައި ގުގުމަމުން ދިޔައެވެ.
ދަރިވަރުން އިސްނަގައިގެން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރިއަށްގެންދިޔަ މި ހަރަކާތް ފުޅާވެ، މުޒާހަރާތަކުގައި ޓީޗަރުންނާއި، ސިއްހީ ޚިދުމަތްތެރިންނާއި، އަލިފާންނިވަންނާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ދިރިއުޅުމުގެ އަގުތައް އުފުލުމާ ދެކޮޅަށް ފެށި "ޔެލޯ ވެސްޓް" ހަރަކާތުގެ މީހުން ވެސް މި މުޒާހަރާގައި ބައިވެރިވިއެވެ. މުޒާހަރާގައި ބައިވެރިވި ހައިސްކޫލް ދަރިވަރަކު ބުނި ގޮތުގައި، ކަންކަން ވަމުންދާ ގޮތް ރަނގަޅު ނޫން ކަމަށާއި، ސަރުކާރުން އެމީހުންގެ އަޑު އެހުމަށް އެންމެ ފަހު ފަހަރަށް އެދި އެންމެން އެއްވީ އެމީހުންގެ ހައްގުތައް އަނބުރާ ހޯދުމަށެވެ.
ފްރާންސްގެ މައި ލޭބަރ ޔޫނިއަނެއް ކަމަށްވާ ސީޖީޓީން ވެސް ވަނީ މި މުޒާހަރާތަކަށް ތާއީދުކޮށް، މުސާރައާއި ޕެންޝަން ބޮޑުކުރުމަށާއި، ތަކެތީގެ އަގުތައް ހެޔޮކުރުމުގެ އިތުރުން އާންމު ޚިދުމަތްތައް ހިމާޔަތްކުރުމަށް ގޮވާލާފައެވެ. ފްރެންޗް ހިއުމަން ރައިޓްސް ލީގުގެ މެންބަރެއް ކަމަށްވާ ޖީން ޕިއޭ ބުނި ގޮތުގައި، ޒުވާނުން ތިބީ އެމީހުންގެ މުސްތަގުބަލާއި ސްކޫލްތަކުގެ ފެންވަރު ދަށަށްދާތީ ކަންބޮޑުވެފައެވެ. އަދި އާންމުން މަގުތަކަށް ނުކުމެފައިވަނީ އިންތިހާއަށް އުފުލެމުންދާ ދިރިއުޅުމުގެ ޚަރަދުތަކާއި ދުނިޔޭގެ ސިޔާސީ މަސްރަޙާ ގުޅިގެން އުފެދިފައިވާ ބޮޑެތި ބިރުވެރިކަމާއި ކަންބޮޑުވުންތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ހަމަނުޖެހުންތައް ވެރިރަށް ޕެރިހުގެ އިތުރުން އެހެން ސިޓީތަކަށް ވެސް ވަނީ ފެތުރިފައެވެ. އެގޮތުން ދެކުނުގެ މާސޭގައި މުޒާހަރާގެ ބައިވެރިން ވަނީ ޓައުން ހޯލަށް ވަދެގަނެ ފިހާރަތައް ލޫޓުވާލާފައެވެ. އަދި ލިއޯންގައި ޓޫރިޒަމް އޮފީހެއްގައި ރޯކޮށްލި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުނީ، ޕެރިހާއި، މާސޭ، ރެންސް، ޓޫލޫޒް އަދި އޮންޖޭ ހިމެނޭހެން އެކި ސަރަޙައްދުތަކުން މަދުވެގެން 400 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މޫނު ނިވާކޮށްގެން ތިބި "އަލްޓްރާ-ލެފްޓް" ފަރާތްތަކުން ވައްކަންކުރަން އުޅުމާއި، ފުލުހުންނާ ކުރިމަތިލައި، ތަންތަނުގައި ރޯކޮށް ގެއްލުން ދެމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޕެރިހުގެ ސަބަރބެއް ކަމަށްވާ ކްރެޓޭލްގެ ހައިސްކޫލެއްގައި އިމާރާތްތައް ބާވުމާއި، ކްލާސްތައް ތޮއްޖެހުމާއި، ޓީޗަރުން މަދުވުމުގެ މައްސަލައިގައި ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށި މި ހަރަކާތް ބޮޑު މުޒާހަރާއަކަށް ބަދަލުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް "ޔެލޯ ވެސްޓްސް" ހަރަކާތް އަލުން ފެށުމަށް ކުރި ގޮވާލުންތަކާ ގުޅިގެންނެވެ. ޕެރިސްގެ ސެންޓަރ ފޯ ޕޮލިޓިކަލް ރިސާޗްގެ ދިރާސާވެރިއެއް ކަމަށްވާ ބްރޫނޯ ކޯޓްރެސް ވިދާޅުވި ގޮތުގައި، މިއީ ޓެކްސް ބޮޑުވުމާއި، ގައުމީ ދަރަންޏާއި ބަޖެޓުގެ ދަރަނި ބޮޑުވެ ސަރުކާރަށް އާންމުންގެ އެދުންތައް ފުއްދައިނުދެވުމުން އުފެދުނު މާޔޫސްކަމުގެ ނަތީޖާއެވެ. މި މުޒާހަރާތައް ފެށިފައި މިވަނީ ރައީސް އެމެނުއެލް މެކްރޮންގެ ވެރިކަމުގެ ފަހު ދައުރުގައި، އަންނަ އަހަރު ބާއްވާ މުހިންމު އިންތިޚާބުގެ ކުރިން ސިޔާސީ ގޮތުން ގައުމު ބޮޑަށް ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!