އިނގިރޭސިވިލާތް (ޔޫކޭ) އަށް ދަތުރުކުރާ ނުވަތަ އެ ޤައުމު މެދުވެރިކޮށް ޓްރާންސިޓްކުރާ ދިވެހި ރައްޔިތުން، ދަތުރު ފެށުމުގެ ކުރިން އެ ޤައުމަށް އެތެރެވުމާއި ޓްރާންސިޓް ކުރުމުގެ އެންމެ ފަހުގެ ޤަވާއިދުތައް ރަނގަޅަށް ބެލުމަށް އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
މީގެ ތެރޭގައި ދަތުރުކުރުމުގެ ކުރިން 'އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން' (އީޓީއޭ) ހޯދަން ޖެހޭތޯ ބެލުން ހިމެނެއެވެ.
އީޓީއޭއަކީ އިނގިރޭސިވިލާތުގެ އިތުރުން ޖާޒީ، ގުއާންޒީ އަދި އައިލް އޮފް މޭން އަށް 6 މަސް ދުވަހުގެ މުއްދަތަށް ދަތުރުކުރުމުގެ ހުއްދަ ލިބިދޭ ލިޔުމެކެވެ. މި ހުއްދަ ދޫކުރަނީ ފަތުރުވެރިކަމަށާއި، އާއިލާގެ ގާތަށް ޒިޔާރަތްކުރުމަށާއި، އަދި ކަނޑައެޅިފައިވާ ވަކި ޚާއްޞަ ބޭނުންތަކަކަށް އެ ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށެވެ.
އީޓީއޭއެއް ހޯދުމަށް ދައްކަންޖެހެނީ 20 ޕައުންޑެވެ. ނަމަވެސް ސަރުކާރުގެ ޚިދުމަތްތައް ނަކަލުކޮށްގެން ހިންގާ ވެބްސައިޓްތަކުން މި ޚިދުމަތަށް އިތުރަށް އަގު ނަގާފާނެތީ އެފަދަ ވެބްސައިޓްތަކުން ސަމާލުވުމަށް ހައިކޮމިޝަނުން ވަނީ އަންގާފައެވެ. މީގެ އިތުރުން، އީޓީއޭ ލިބުމަކީ އިނގިރޭސިވިލާތަށާއި، ޖާޒީ، ގުއާންޒީ ނުވަތަ އައިލް އޮފް މޭން އަށް އެތެރެވުން ކަށަވަރުކޮށްދޭ ކަމެއް ނޫން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އާންމުގޮތެއްގައި ގިނަ ފަރާތްތަކަށް އެ ޤައުމަށް ދަތުރުކުރުމަށް އީޓީއޭ ނުވަތަ ވިސާ ބޭނުންވެއެވެ. އީޓީއޭ ބޭނުންވޭތޯ ކަނޑައެޅެނީ އެ މީހެއްގެ ޤައުމިއްޔަތަށާއި އެ ޤައުމަށް ދަތުރުކުރާ ސަބަބުގެ މައްޗަށެވެ. އެގޮތުން ވިސާގެ ބަދަލުގައި އީޓީއޭ އާންމުކޮށް ބޭނުންވަނީ ޔޫރަޕް، އެމެރިކާ، އޮސްޓްރޭލިއާ އަދި ކެނެޑާ ފަދަ ޤައުމުތަކުގެ ރައްޔިތުންނަށެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ނުވަތަ އަޔަލެންޑުގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި، އިނގިރޭސިވިލާތުގައި ދިރިއުޅުމުގެ، ވަޒީފާ އަދާކުރުމުގެ ނުވަތަ ކިޔެވުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އީޓީއޭ ނަގާކަށް ނުޖެހޭނެއެވެ.
އާއިލާއެއް ނުވަތަ ގްރޫޕެއްގެ ގޮތުގައި ދަތުރުކުރާނަމަ، ޅަދަރިންނާއި ކުޑަކުދިން ހިމެނޭހެން ކޮންމެ މީހަކަށް ވަކިން އީޓީއޭ ނަގަން ޖެހެއެވެ. އަދި އެހެން ފަރާތްތަކަށް އީޓީއޭ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނައިރު، ޔޫކޭގެ އެއާޕޯޓެއް މެދުވެރިކޮށް ދަތުރުކުރާއިރު 'ލޭންޑްސައިޑް' ޓްރާންސިޓްކުރާނަމަ ނުވަތަ އިތުރަށް ދަތުރުކުރުމުގެ ކުރިން ބޯޑާ ކޮންޓްރޯލް ހުރަސްކުރަން ޖެހޭނަމަވެސް އީޓީއޭ ބޭނުންވާނެއެވެ. މިކަމުގައި ޔަގީންކަމެއް ނެތްނަމަ އެއާލައިނާ ވާހަކަދައްކައިގެން ސާފުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން އެހީތެރިކަން ހޯދުމަށް ވެބްޗެޓް ބޭނުންކުރެވޭނެ ކަމަށާއި، ޔޫކޭ ވިސާސް އެންޑް އިމިގްރޭޝަން (ޔޫކޭވީއައި) އިން ފޯނު މެދުވެރިކޮށް އީޓީއޭގެ ސުވާލުތަކަށް އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މިހާރުވެސް އީޓީއޭ އޮތް ފަރާތްތަކަށް، އެމީހުންގެ ހުއްދަ އޮތްތޯއާއި އޭގެ މުއްދަތު ހަމަވާ ތާރީޚު އޮންލައިންކޮށް ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!