ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން ކުޑަ އަދި ވަސީލަތްތައް މަދު ގައުމެއް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް ރައްޔިތުންނަށް އެ ދާއިރާއިން ނަފާ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ސީދާ ގުޅިފައިވާ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ވަޒީރު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި، އައްޑޫ މީދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އައްޑޫ ސިޓީ މީދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށެވެ.

މީދޫގެ ދަނޑުވެރިންނާއި އެ ރަށުގެ ކައުންސިލް ގުޅިގެން ރަށުގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވަޒީރުގެ ވާހަކަފުޅުގައި ވަނީ ތައުރީފު ކުރައްވާފައެވެ. އަދި މިއަދު އެ ރަށުގައި ދަނޑުވެރިން ކުރަމުން އަންނަ ޒަމާނީ ދަނޑުވެރިކަމަކަށް ވާސިލުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ބިމާއި ވެލި ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެހެން ދާއިރާތަކެކޭ އެއްފަދައިން ދަނޑުވެރިކަމަކީ ވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް، މި ގޮންޖެހުންތަކާ އެކުވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި ދާއިރާ އިތުރަށް ކުރިއަރުވައި ރައްޔިތުންނަށް އެދެވޭ ފައިދާއެއް ހޯދައިދިނުމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ކުލަގަދަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެއިތުރުން، މި ދުވަސްތަކާ ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.