ޢިރާޤުގެ ވެރިރަށް ބަޣުދާދުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި އެ ޤައުމުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) ގެ ހަތިޔާރު ގުދަނެއް ގޮވައި، މަދުވެގެން ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ޕީއެމްއެފުން ނެރުނު ބަޔާނެއްގައި ބުނީ، މި ގޮވުން ގޮވާފައިވަނީ އެ ފޯސްގެ މައި މަރުކަޒުގެ އެތެރޭގައި ހުރި ހަލާކުވެފައިވާ ވަޒަންތަކާއި ހަތިޔާރުތައް ރައްކާކޮށްފައި ހުރި ގުދަނެއްގައި ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ނެރުނު ވަކި ބަޔާނެއްގައި އެ ފޯސްއިން ބުނީ، އެ ހާދިސާގައި ފަސް މެންބަރަކަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށެވެ.
މި ގުދަން ހުންނަނީ ބަޣުދާދުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ކަމަށް ނޫސްވެރިން މަޢުލޫމާތު ދީފައިވީ ނަމަވެސް، މި ގޮވުން ގޮވަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.
ޕީއެމްއެފްގެ ހަތިޔާރު ގުދަނެއްގައި މިފަދަ ހާދިސާއެއް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި އިރުމަތީ ދިޔާލާ ޕްރޮވިންސްގައި ހުރި އެ ފޯސްގެ ހަތިޔާރު ގުދަނެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ބަޣުދާދުގައި ހުންނަ އެ ފޯސްގެ އޮފީހެއްގެ ތެރޭގައި އެއްޗެއް ގޮވުމުގެ ސަބަބުން، މަދުވެގެން އެކަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެފައިވެއެވެ.
ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްއަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި 2014 ވަނަ އަހަރު އުފެއްދި، މައިގަނޑު ގޮތެއްގައި ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތައް އެކުލެވޭ، ޢިރާޤުގެ ދައުލަތުގެ ނިޒާމާ ގުޅިފައިވާ ބާރެކެވެ. މިއީ ރަސްމީކޮށް ޢިރާޤުގެ ސަލާމަތީ ނިޒާމުގެ ބައެއް ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ ބައެއް ފެކްޝަންތަކުން އަވަށްޓެރި އީރާނާ އެކު ގާތް ގުޅުމެއް ބާއްވަމުން ގެންދެއެވެ.
ޢިރާޤު ސަރުކާރުން މިހާރު ދަނީ ޕީއެމްއެފް އަލުން އެކުލަވާލުމަށާއި، ހުރިހާ ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އަލުން ވަރުގަދަކުރަމުންނެވެ. އަދި އެ ޤައުމުގެ ސަލާމަތީ އޮނިގަނޑުގެ ތެރޭގައި އީރާނުގެ ތާއީދު އޮންނަ ފެކްޝަންތަކުގެ ނުފޫޒު ކުޑަކުރުމަށްވެސް ބަޣުދާދުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!