ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ގެ ހަތަރުވަނަ ހިނގާލުމާއި އާއިލީ ހަވީރު ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.
މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، ތިން ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި ހިނގާލުމުގައި ހުރިހާ އުމުރުފުރައެއްގެ ގިނަ ބަޔަކު އެކުގައި ބައިވެރިވެ، ޖީލުތަކުގެ މެދުގައި އޮތް އެކުވެރިކަން ވަނީ ދައްކުވައިދީފައެވެ.
ޕެންޝަން އޮފީހުން ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް"ގެ ތެރެއިން، ފޮޓޯ: ޕެންޝަން އޮފީސް
ޕެންޝަން އޮފީހުން ބުނި ގޮތުގައި، މި ހިނގާލުމަކީ ހަމައެކަނި ހަށިހެޔޮކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެއް ނޫނެވެ. މާލީގޮތުން ރައްކާތެރި، ތަނަވަސް މުސްތަޤުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުޙަލާއަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫންކަމާއި، އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރު ދުވަހަށް ދެމިގެންދާ ދަތުރެއްކަން މި ހަރަކާތުން ރަމްޒުކޮށްދެއެވެ. އަދި މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަކީ އާއިލާގެ ކޮންމެ ޖީލެއްގެވެސް ޒިންމާއެއްކަން މި ހިނގާލުމުގެ ތެރެއިން ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ބޭއްވި ހަރަކާތެކެވެ. އަދި ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމުގެ ގޮތުން ޕެންޝަން އޮފީހުން މި ހަރަކާތް ކުރިއަށްގެންދަނީ އަހަރަކު އެއްފަހަރުއެވެ.
ޕެންޝަން އޮފީހުން ހަނިމާދޫގައި ބޭއްވި ޢާއިލީ ހަވީރުގެ ތެރެެއިން، ފޮޓޯ: ޕެންޝަން އޮފީސް
ރަމްޒީ ހިނގާލުމަށްފަހު، ޕެންޝަން އޮފީހާއި ހަނިމާދޫގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން އުފާވެރި އާއިލީ ހަވީރެއް ވަނީ ކުރިއަށްގެންގޮސްފައެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެހެން އިންތިޒާމުކުރި މި ހަވީރުގައި މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކާއި، ކުޅިވަރުތަކާއި، ތަފާތު ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ހިމަނާފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ އާއިލާގެ ތެރޭގައި އެކި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި އަގުހުރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި މިއީ ދިރިއުޅުމުގެ ކުރިމަގަށް ވިސްނައި، ރިޓަޔަރމަންޓަށް ފުރިހަމައަށް ތައްޔާރުވުމާއި ފަހަށް ރައްކާކުރުމުގެ މުހިންމު އާދަ އަށަގެންނެވުމަށް އެ އޮފީހުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށްވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ޕެންޝަން އޮފީހުން ހަނިމާދޫގައި ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް"ގެ ތެރެއިން، ފޮޓޯ: ޕެންޝަން އޮފީސް
މީގެ އިތުރުން ޕެންޝަން އޮފީހުން ވަނީ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައި ޕެންޝަން ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަނިމާދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ދިނުމުގެ ސެޝަނަކާއި، ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!