އާބާދީގެ 96 އިންސައްތަ މުސްލިމުން ހިއްސާކުރާ އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނާއި މުދައްރިސުން ބުރުގާ އެޅުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން ވަރުގަދަ އިހުތިޖާޖުތަކެއް ފެށިއްޖެ އެވެ.
މިދިޔަ މަހު ފާސްކުރި އިސްލާހުގައި މުސްލިމް އަންހެނުން އަޅާ ބުރުގާގެ ނަން ސީދާ ބަޔާންކޮށްފައި ނުވި ނަމަވެސް، ސްކޫލުތަކުގައި މަނާކޮށްފައިވަނީ ގައުމުގެ "ސެކިއުލާ އުސޫލުތަކާ" ހިލާފުވާ ހެދުންތައް ކަމަށް ސަރުކާރުން ބުނެ އެވެ.
މި ނިންމުމާ ގުޅިގެން ބައެއް ސްކޫލުތަކުން މިހާރު ވަނީ ބުރުގާ އަޅައިގެން ދިޔަ ދަރިވަރުންނާއި ޓީޗަރުން ކުލާސްތަކަށް ވަނުން ހުއްޓުވަން ފަށައިފަ އެވެ. ބޭރުގެ މީޑިއާއަކާއި ވާހަކަދެއްކި ޓީޗަރެއް ކަމަށްވާ ޒަހްރާ ހަސަނޯވާ ބުނި ގޮތުގައި، ދެން ސްކޫލުގައި ބުރުގާ ނޭޅޭނެ ކަން އޭނާއަށް ވަނީ އަންގައިފަ އެވެ.
"ތެދަށް ބުނާ ނަމަ އަހަރެން ހިތާމަކުރަން. އަހަރެންގެ ހިތުގައި ޖެހިއްޖެ،" އޭނާ ބުންޏެވެ.
ބުރުގާ އެޅުމަކީ ޒާތީ އިހުތިޔާރެއް ކަމަށާއި، ކޮންމެވެސް ދުވަހަކުން ބުރުގާ ނަގަން ބޭނުންވި ނަމަވެސް، އެއީ އޭނާގެ އަމިއްލަ ނިންމުމަކަށް ވާންޖެހޭނެ ކަމަށް ވެސް ޒަހްރާ ފާހަގަކުރި އެވެ.
🔴Azerbaycan’da okula alınmayan başörtülü öğretmen ve öğrenciler okul bahçesinde ders yapıyorlar. https://t.co/TEPL78Ojk4
— Selâmi Haktan (@slmhktn) October 12, 2026
އަޒަރުބައިޖާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އޭޕީއޭ) އިން ބުނީ، ދައުލަތުގެ ތައުލީމީ މުއައްސަސާތަކުގެ ދަރިވަރުންގެ ޔުނިފޯމާ ގުޅޭ އުސޫލަށް ގެނައި މި ބަދަލުގެ މަގުސަދަކީ ގައުމުގެ "ސެކިއުލާ އުސޫލު" ދައްކުވައިދޭ އެއްގޮތް ޑްރެސް ކޯޑެއް ކަށަވަރުކުރުމެވެ. އަޒަރުބައިޖާނުގެ އާބާދީގެ ގާތްގަނޑަކަށް 96 އިންސައްތައަކީ މުސްލިމުން ކަމުގައި ވިޔަސް، އެ ގައުމުގެ ގާނޫނުއަސާސީގައި ގައުމު ސިފަކޮށްފައިވަނީ ދީނީ މިނިވަންކަން ކަށަވަރުކޮށްދޭ ސެކިއުލާ ދައުލަތެއްގެ ގޮތުގަ އެވެ. އެ އެޖެންސީން އިތުރަށް ބުނެފައިވަނީ، މުދައްރިސުންގެ ހެދުން އެޅުމުން "ޕްރޮފެޝަނަލް މިންގަނޑުތައް" ފެންނަންޖެހޭނެ ކަމަށާއި އޭގެ ސަބަބުން ސްކޫލުތަކުގެ އަގު މުޖުތަމައުގައި އުފުލިގެންދާނެ ކަމަށެވެ. ނަމަވެސް، ސައިންސް އެންޑް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕެޑަގޮޖިކަލް ކައުންސިލުގެ ހުއްދައާ އެކު، ހާއްސަ މުނާސަބަތުތަކުގައި ގައުމީ އަދި ސަގާފީ އަގުތައް ރަމްޒުކޮށްދޭ ހެދުން އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
In Azerbaijan, a young girl reportedly denied entry to school because of her headscarf waves goodbye to her classmates through a classroom window. 🥺💔 https://t.co/b2S7qBMZi4
— Islamic Reflections (@Islamic_reflec) October 12, 2026
މި ފިޔަވަޅާ ދެކޮޅަށް އަޒަރުބައިޖާނުގައި މަގުމަތީގެ އިހުތިޖާޖުތަކާއި ސޯޝަލް މީޑިއާ ކެމްޕޭނުތައް ވަނީ ފަށައިފަ އެވެ. އަދި ސްކޫލަށް ވަނުމަށް ހުރަސްއެޅުމުން ދަރިވަރުން ޓީޗަރުންގެ ގައިގައި ބައްދައި ރޯ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ ދައުރުވާން ފަށައިފަ އެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަދުވެގެން ދެ ސްކޫލެއްގެ ދަރިވަރުން ވަނީ މި ނިންމުމާ ދެކޮޅަށް ކުލާސްތައް ބޮއިކޮޓްކޮށްފަ އެވެ.
މީގެ އިތުރުން، 2020 ވަނަ އަހަރު ގައުމަށް ގައްދާރުވުމުގެ ކުށް ސާބިތުވެ 113 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ނޫސްވެރިޔާ ޕޮލާޑް އަސްލަނޯވް ވަނީ މި އާ ގަވާއިދާ ދެކޮޅަށް ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފަ އެވެ. އޭނާގެ އަނބިމީހާ ގުލްމީރާ އަސްލަނޯވާ ފޭސްބުކްގައި ހިއްސާކުރި މެސެޖެއްގައި އަސްލަނޯވް ބުނެފައިވަނީ، ޖަލުގައި ހުރި ނަމަވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމާ ދެކޮޅަށް އޭނާއަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކަމަށެވެ. މި ދަނޑިވަޅުގައި އިންޓަނެޓް ކަނޑާލި ކަމަށް އަޑުފެތުރުނު ނަމަވެސް، ނެޓްބްލޮކްސް އަދި އޯޕަން އޮބްޒަވޭޓަރީ އޮފް ނެޓްވޯކް އިންޓަފިއަރެންސް ފަދަ މޮނީޓަރިން ޖަމާއަތްތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
Azerbaycan’da halk:
“Ölürüz de örtümüzden vazgeçmeyiz.” https://t.co/cRJalFHTXM
— Odak TV (@OdakTV1) October 12, 2026
މި މައްސަލައިގެ އަސަރު އަވަށްޓެރި ތުރުކީވިލާތަށް ވެސް ވަނީ ފޯރައިފަ އެވެ. އަޒަރުބައިޖާނުގައި މުސްލިމް އަންހެނުންނަށް ކުރިމަތިކުރި މި ހުރަސްތަކާ ދެކޮޅަށް އިސްތަންބޫލުގައި ހުންނަ އަޒަރުބައިޖާނުގެ ކޮންސިއުލޭޓް ކައިރިއަށް އެއްވެ މީހުން ވަނީ އަޑުއުފުލައި، އެ ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލައިފަ އެވެ. ބައެއް ފަރާތްތަކުން މި ހާލަތު އަޅާކިޔާފައިވަނީ 1997 ވަނަ އަހަރު ތުރުކީގައި ހިނގައިދިޔަ "ޕޯސްޓް-މޮޑަން ބަޣާވާތާ" އެވެ. އެ ދުވަސްވަރު ތުރުކީގެ ޔުނިވަރސިޓީތަކުގައި ބުރުގާ އެޅުން މަނާކޮށް، ސިވިލް ސާވިސް ވަޒީފާތަކުން އަންހެނުން ވަކިކުރުން ނުވަތަ އިސްތިއުފާ ދޭން މަޖުބޫރުކުރި އެވެ.
A hijabi teacher was spotted teaching hijabi girls outside after they were expelled from their classroom. 😍 https://t.co/Aw5mQuve4U
— JM News Network (@JMNewsNetwork_) October 16, 2026
ތުރުކީގައި ކުރިއަށްދިޔަ މި އިހުތިޖާޖުތަކާ ގުޅިގެން އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ވަނީ، ތުރުކީގެ ނަން ސީދާ ވިދާޅުނުވެ، ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފަ އެވެ. އެގޮތުން ނިއު އަޒަރުބައިޖާން ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އަލިޔެވް ވަނީ "އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނުފޫޒު ނުފޯރުވުމަށް" އިންޒާރު ދެއްވައިފަ އެވެ. މި ވާހަކަތަކަށް ތުރުކީގެ ރަސްމީ އިދާރާތަކުން ސީދާ ރައްދެއް ދީފައި ނުވި ނަމަވެސް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ސެޕްޓެމްބަރު 23 ގައި އދ. ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި، މުސްލިމް އަންހެނުންނަށް ކުރިމަތިވާ ތަފާތުކުރުންތައް އިތުރުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!