އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި އޮންނަ އަވަށެއްގައި ޒައިތޫނި ބިނުމުގެ މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ ދަނޑުވެރިންނަށް އެހީތެރިވުމަށް ދިޔަ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ޑިޕްލޮމެޓުންގެ ވަފުދަކަށް، މޫނު ނިވާކޮށްގެން ތިބި އިސްރާއީލުގެ ވަޒަންވެރިންތަކެއް ހަމަލާދީ ބައެއް ބޭފުޅުން ޒަޚަމްކޮށްލައިފިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ ފަރަންސޭސިވިލާތާއި، ބެލްޖިއަމް އަދި ޕޮލެންޑުގެ ޑިޕްލޮމެޓުންނަށެވެ.

Ad
rt

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ކޮންމެ އެއްގަމު މަގެއްގައި ވެސް ދުއްވޭ ޒާތުގެ ހަތަރު ފުރޮޅުލީ އުޅަނދު ނުވަތަ އޭޓީވީތަކުގައި އައި މޫނު ނިވާކޮށްގެން ތިބި ހަތް ވަޒަންވެރިން ވަނީ ޑިޕްލޮމެޓުން ދަތުރުކުރި އުޅަނދުތައް ވަށާލާފައެވެ. އަދި އެ މީހުން ވަނީ ޑިޕްލޮމެޓުންގެ އައިޑެންޓިފިކޭޝަން ލިޔެކިޔުންތައް ދެއްކުމަށް ޑިމާންޑްކޮށް، ގައު އުކައި، ބެލްޖިއަމް ކޮންސިއުލޭޓްގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލާފައެވެ. މީގެ އިތުރުން މަދުވެގެން އެއް ޑިޕްލޮމެޓަކު ބިމަށް ވައްޓާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގި ކްރިސްޓިއަން އަވަށެއް ކަމަށްވާ ތޮއިބާ (ތައިބޭ) ގެ މޭޔަރު ސުލައިމާން ޚޫރިއްޔާ ހޮނިހިރު ދުވަހު ''އަލްޖަޒީރާއަށް'' ވިދާޅުވީ، ރާމަﷲ އަދި އަލްބީރާ ގަވަރުނަރޭޓުގައި ހިމެނޭ އެ އަވަށަށް ޒިޔާރަތްކުރި ބޭރުގެ ޑިޕްލޮމެޓުންގެ ވަފުދަށް ވަޒަންވެރިން ހަމަލާދިން އިރު، އޭގެ ތެރޭގައި ފަރަންސޭސިވިލާތުގެ ކޮންސުލް ވެސް އިންނެވި ކަމަށެވެ. މި ހަމަލާގައި ޑިޕްލޮމެޓިކް މިޝަންގެ ބައެއް ބޭފުޅުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މޭޔަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އިންޓަނެޓުގައި އާންމުވި ވީޑިއޯތަކާއި މަންޒަރު ދުށް މީހުންގެ ބަޔާންތަކުން ފެންނަ ގޮތުގައި، ހަމަލާގައި ގެއްލުން ލިބުނު ކާރުތަކުގެ ކައިރީގައި ބިމުގައި އިށީނދެގެންނާއި ހިމާޔަތް ހޯދަން ބައެއް ޑިޕްލޮމެޓުން ތިއްބެވެ. މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ވެސް ވަނީ ފަރަންސޭސިވިލާތާއި، ބެލްޖިއަމް އަދި ޕޮލެންޑުގެ ޑިޕްލޮމެޓުންތަކަކަށް މި ހާދިސާ އަމާޒުވިކަން ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުގެ ފުލުހުން ބުނީ، މި ހަމަލާއާ ގުޅިގެން މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި ހަމަލާގެ ޝިކާރައަކަށްވި ޑިޕްލޮމެޓުން ދެނެގަނެ، އެ ބޭފުޅުންގެ ބަޔާން ނެގުމަށާއި، މި އަމަލު ހިންގި މީހުން ހޯދުމުގެ މަސައްކަތުގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ހުޅަނގު އައްސޭރީގައި ކޮންމެ އަހަރަކު ވެސް ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށާއި ބައިނަލްއަގުވާމީ މޮނީޓަރުންނަށް ދޭ އަނިޔާވެރި ހަމަލާތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މަދަނީ ޖަމާއަތްތަކުން ބުނާ ގޮތުގައި ދަނޑުވެރިން ބިރުގަންނަވައި، އެ މީހުންގެ ބިންތަކުން ފައްސާލުމަށް ވަޒަންވެރިން އެތައް ސަތޭކަ ހަމަލާއެއް ދަނީ ދެމުންނެވެ.

މި ހަމަލާގެ އިތުރުން، ރާމަﷲގެ އިރުމަތީގައި އޮންނަ ދައިރު ޖަރީރުގައި ވެސް އިސްރާއީލު ވަޒަންވެރިން ވަނީ ފަލަސްތީނުގެ ދަނޑުވެރިންނާ ދިމާއަށް ބަޑިޖަހާފައެވެ. އަދި ހަމަ އެ ދުވަހުގެ ކުރީކޮޅު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން ފަސް މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.