އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަނީ މި މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ތެރެއިންނެވެ.

Ad
rt

މި ޕެކޭޖުގެ ދަށުން ސޯލާ ހަކަތަ އުފެއްދުމުގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އަދި އޭގެ އިތުރުން، ހަކަތަ ރައްކާކުރުމަށް ބޭނުންވާ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުން ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށްރަށުގެ ރައްޔިތުންނަށް މަޝްރޫޢުގެ ލަނޑުދަނޑިތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން ލިބޭނެ ފައިދާތައް އޮޅުންފިލުވައިދިނުން ވެސް މި ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން، މި މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި އެކިއެކި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ބަޔާންކޮށްދީ، އެ ކަންކަން ރައްޔިތުންނަށް ސާފުކޮށްދިނުމަށް ވެސް މި ބައްދަލުވުންތަކުގައި ވަނީ މަސައްކަތްކޮށްފައެވެ.

މި ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި އެ އަތޮޅު ކުނަހަންދޫގައެވެ.

މި ބައްދަލުވުންތަކުގައި ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫޢާ ގުޅޭގޮތުން ހުށަހެޅި ޚިޔާލުތަކަށް މަޝްވަރާކޮށްފައިވާއިރު، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކޮށްފައެވެ.