އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އެ ކްލަބުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.
ޗެލްސީން ބުނި ގޮތުގައި ޖޭމްސް ކުރީ ކުޑަ އޮޕަރޭޝަނެކެވެ. ނަމަވެސް، ޓީމުގެ ފަރިތަކުރުންތަކުގެ ތެރޭގައި އޭނާގެ ކަކުލަށް ލިބުނު މި އަނިޔާގެ ސީދާ ތަފުސީލެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ މި އަނިޔާއިން ފަސޭހަވެ، އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކިހާ މުއްދަތެއް ނަގާނެ ކަމެއްވެސް ޗެލްސީން ބުނެފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ، ޖޭމްސް މިހާރު ވަނީ އަނިޔާއިން ރަނގަޅުވުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. އަދި ރިހެބިލިޓޭޝަންގެ މި މަރުހަލާގައި ކޮބްހަމްގައި ހުންނަ ކްލަބުގެ މެޑިކަލް ޑިޕާޓްމަންޓުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.
ޗެލްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ކްލަބުގެ އެންމެންވެސް އެދެނީ ޖޭމްސްއަށް އަވަސް ޝިފާއެއް ލިބުމަށް ކަމަށާއި، އަލުން އެނބުރި އައުމަށް އޭނާ ކުރާ ދަތުރުގައި ކްލަބުން އެއްބާރުލުން ދޭނެ ކަމަށެވެ.
އިނގިރޭސި ޑިފެންޑަރު ޖޭމްސްއަކީ މީގެ ކުރިންވެސް ކަކުލަށާއި ހޭމްސްޓްރިންގަށް ތަކުރާރުކޮށް އަނިޔާވެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވާ ކުޅުންތެރިއެކެވެ. އެގޮތުން ހޭމްސްޓްރިންގަށް ލިބުނު އަނިޔާއެއްގެ ސަބަބުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ބައެއް މެޗުތައްވެސް އޭނާއަށް ވަނީ ގެއްލިފައެވެ.
ލީގު ތާވަލުގެ ހަވަނައިގައި މިވަގުތު އޮތް ޗެލްސީ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި، ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!