ޣައްޒާއަށް ދަތުރުކުރި އެހީގެ ފްލޮޓިލާ ބޯޓުތަކުގެ އެކްޓިވިސްޓުންނާ މެދު އަމަލުކުރި ގޮތާ ގުޅިގެން، އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒާއި، އަސްކަރިއްޔާގެ އިސް ވެރިޔާ އިޔާލް ޒާމިރް އަދި ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލުންތަކެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައިފި ކަމަށް އިޓަލީގެ ޕްރޮސެކިއުޓަރުން ހުކުރު ދުވަހު ބުނެފިއެވެ.
މި ތަހުގީގަކީ އިޒްރޭލުގެ ސިފައިން ކަނޑުމަތިން ބޯޓުތައް ހުއްޓުވި ހާދިސާތަކުގައި އިޓަލީގެ ރައްޔިތުންނަށް އަނިޔާކުރި ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ.
ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ތަހުގީގު ކުރިން އަމާޒުކޮށްފައި އޮތީ އިޒްރޭލުގެ ކަނާތުފިޔައިގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން-ގްވީރަށް އެކަނި ކަމަށެވެ. ނަމަވެސް މިހާރު މި މައްސަލައިގެ ތަހުގީގު ފުޅާކޮށް، ޑިފެންސް މިނިސްޓަރު ކާޓްޒާއި ސިފައިންގެ ވެރިޔާ ޒާމިރްގެ އިތުރުން އަސްކަރިއްޔާއާއި، ފުލުހުން އަދި ޖަލުތަކުގެ ކޮމާންޑްގައި ހިމެނޭ އިތުރު 12 އިސް އޮފިޝަލަކު ތަހުގީގުކުރާ މީހުންގެ ލިސްޓަށް ވަނީ އިތުރުކޮށްފައެވެ.
މި މައްސަލަ ބަލަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހާއި، 2026 ވަނަ އަހަރުގެ އެޕްރީލް އަދި މެއި މަހު "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ދަށުން ޣައްޒާއަށް ދަތުރުކުރި ދެ މިޝަނުގައި ބައިވެރިވެ، އިޒްރޭލުން ހައްޔަރުކުރި އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ރަސްމީ ޝަކުވާތަކަކާ ގުޅިގެންނެވެ. އެ ދަތުރުތަކުގައި ބައިވެރިވި ކުދި ބޯޓުތައް އިޒްރޭލުގެ ސިފައިން ވަނީ ކަނޑުމަތިން ހިފަހައްޓައި، އޭގައި ތިބި މީހުން ބަންދުކޮށްފައެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި އިޒްރޭލުގެ ފައުޖުތަކުގެ މައްޗަށް ތަހުގީގު ކުރަމުންދަނީ އަނިޔާކުރުމާއި، ކިޑްނެޕްކުރުމާއި، ޖިސްމާނީ ގެއްލުން ދިނުމާއި، ވައްކަންކުރުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުތަކެވެ. އެގޮތުން ފުރަތަމަ މިޝަންގައި ހައްޔަރުކުރި އެކްޓިވިސްޓުންނަށް ތަޅައި އަނިޔާކުރުމާއި، މަރުގެ އިންޒާރު ދިނުމާއި، ބަދުބަސް ބުނުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތު އަޅުވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ދެވަނަ މިޝަންގެ ބައިވެރިންނާ މެދު މިއަށްވުރެ ހަރުކަށިކޮށް އަމަލުކޮށް، އަނދިރީގައި ބައިތިއްބައިގެން އަނިޔާކުރުމާއި، ޓޭޒަރާއި ރަބަރު ވަޒަން ބޭނުންކޮށްފައިވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.
އިޓަލީގެ ގާނޫނު ބުނާ ގޮތުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ގައުމުން ބޭރުގައި ހިންގާ ޖިނާއީ ކުށްތައް ރޯމްގައި ތަހުގީގުކޮށް ޝަރީއަތް ހިންގުމުގެ އިހުތިސާސް ޕްރޮސެކިއުޓަރުންނަށް ލިބިގެންވެއެވެ. މި މައްސަލައިގައި ހާދިސާ ހިނގި ގޮތް ދެނެގަތުމަށާއި ވަކިވަކި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފާއިތުވި ޖޫން މަހު އިޒްރޭލަށް ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ކަމަށް އިޓަލީން ބުނެއެވެ. މީގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް މި ދެ މިޝަނާ ގުޅޭ ތަހުގީގުތައް ކުރިއަށްދާތީ، ޔޫރަޕިއަން ޔޫނިއަންގެ ޖުޑީޝަލް ކޯޕަރޭޝަން އެޖެންސީ (ޔޫރޯޖަސްޓް) މެދުވެރިކޮށް ވެސް މަޝްވަރާތައް ވަނީ ބާއްވާފައެވެ.
އިޓަލީގައި ތަހުގީގެއްގެ ދަށަށް ގެނައުމަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުން ނޫން ކަމަށާއި، އޭގެ ސަބަބުން އޮޓޮމެޓިކުން ޝަރީއަތަކަށް ނުދާނެ ކަމަށް ޕްރޮސެކިއުޓަރުން ފާހަގަކުރެއެވެ. ނަމަވެސް ތަހުގީގުން ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިއްޖެނަމަ، ޝަރީއަތް ހިންގުމަށް އެދި ރަސްމީކޮށް ހުށަހެޅޭނެއެވެ. މި ތަހުގީގާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު ކާޓްޒް ވަގުތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް، މިދިޔަ ޖޫން މަހު ބެން-ގްވީރު ވަނީ އެ ތަހުގީގު ބަލައިނުގަނެ، "އަހަރެމެންގެ ހަނގުރާމަވެރިންނާ އެކު ފަޚުރުވެރިކަމާއެކު ދެމިތިބޭނެ" ކަމަށް ބުނެފައެވެ.
ފްލޮޓިލާ އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި އެ ދަތުރުތަކުގެ މައިގަނޑު ބޭނުމަކީ އިންސާނީ އެހީ ފޯރުކޮށްދީގެން ޣައްޒާ ވަށައިގެން އިޒްރޭލުން އަޅާފައިވާ ބަންދު އުވާލުމެވެ. އެހެން ނަމަވެސް އިޒްރޭލުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ޣައްޒާ ވަށައިގެން އަޅާފައިވާ ކަނޑުގެ ބަންދަކީ ގާނޫނީ ގޮތުން ސައްހަ އަދި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ސަލާމަތީ ބާރުތަކުން ހައްޔަރުކުރެވޭ މީހުންނާ މެދު އަމަލުކުރަނީ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!