ރާއްޖެއިން ކުރިއަށްގެންދާ "ޑިޖިޓަލް 2.0" ޤައުމީ މަސައްކަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި، ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވިދާނެ ކަމަށް މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ތައިލެންޑުގެ ބެންކޮކުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ 2026 ވަނަ އަހަރުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ހިއުމަން ކެޕިޓަލް މިނިސްޓީރިއަލް ކޮންކްލޭވް" ގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މި ބައްދަލުވުމަކީ އޭއައިގެ ޒަމާނުގައި ހުނަރު ތަރައްޤީކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ރައުސްމާލު ނުވަތަ ޕްރައިވެޓް ކެޕިޓަލް ބޭނުންކުރުމުގެ މައްޗަށް ޚާއްޞަކޮށްގެން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވީ، މިފަދަ ޒަމާނީ ވަސީލަތްތަކުގެ ޒަރީއާއިން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ޖަޒީރާވަންތަ ގުދުރަތީ އުފެދުމުގެ ސަބަބުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މި މަސައްކަތްތައް އެހީތެރިވެދޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހުނަރު އިތުރުކުރުމުގެ ދާއިރާއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ބްލެންޑެޑް ފައިނޭންސިންގ އަދި ނަތީޖާއަށް ބިނާވާ މާލީ އެހީތެރިކަން (އައުޓްކަމް-ބޭސްޑް ފައިނޭންސިންގ) ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ.

ހަމައެއާއެކު، އުނގެނޭ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ހަރުދަނާ އޮނިގަނޑުތައް އެކުލަވާލުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ ގުޅޭގޮތަށް ޚާއްޞަކޮށްގެން އެކަށައަޅާ ޙައްލުތަކެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިނިސްޓަރު ޢަލީ ޝަރީފް ވަނީ ގޮވާލައްވާފައެވެ.