އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށާއި، ބައިނަލްއަގުވާމީ ބާރުތަކާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ އީރާނުގެ ރަސްމީ ނިއުކްލިއާ ސިޔާސަތު އަލުން ތަކުރާރު ކުރައްވައި، ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސުލްހަވެރިކަމާއެކު ވާހަކަދެއްކުމަށް ތެހެރާނުން ތައްޔާރަށް އޮތް މިންވަރު ހާމަކުރައްވަމުންނެވެ.

Ad
rt

ޕެޒެޝްކިއާން ވިދާޅުވީ، އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން އުޅޭ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މީހުން މަރުވާ ފަދަ ޖަމާއީ ހަލާކުގެ ނުރައްކާތެރި ހަތިޔާރު އުފެއްދުން މަނާކޮށް އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ކުރިން ނެރުއްވާފައިވާ ދީނީ ފަތުވާތަކާއި، އެ ގައުމުގެ ރަސްމީ ސިޔާސަތުތައް ވެސް މި ވިސްނުމާ އެއްގޮތްވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަޝްވަރާތަކަށް އީރާނުން މަރުހަބާ ކިޔަނީ ހަމަހަމަކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ދެފަރާތުގެ މެދުގައި އޮންނަ އިހުތިރާމުގެ މައްޗަށް ބިނާކޮށް ކަމަށް ޕެޒެޝްކިއާން ވިދާޅުވިއެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން ކުރިމަތިކުރާ އެއްފަރާތްފަރާތު ދަތިކުރުމުގެ ފިޔަވަޅުތަކަށާއި، އިގުތިސާދީ ގޮތުން ދައްކާ ބިރަށާއި އަސްކަރީ އިންޒާރުތަކަށް އީރާނުން ދުވަހަކު ވެސް ކުކޫޅު ނުޖަހާނެ ކަމަށާއި އަދި ބޯނުލަނބާނެ ކަމަށް އެމަނިކުފާނު ސާފުކޮށް ވިދާޅުވިއެވެ.

މީގެއިތުރުން، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމާއި، ޓެކްނޮލޮޖީ ތަރައްގީކުރުމާއި، މަދަނީ ދިރާސާތައް ކުރުމަކީ އީރާނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ތެހެރާނުން ބުނެއެވެ. އަދި މިފަދަ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ފަދަ ބައިނަލްއަގުވާމީ ފަރާތްތަކުގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށް ވެސް އީރާނުން ވަކާލާތު ކުރެއެވެ.

އީރާނުގެ ޕްރޮގްރާމަކީ ސުލްހަވެރި މަސައްކަތްތަކެއް ކަމަށް ބުނި ނަމަވެސް، އެ ގައުމުން ޔޫރޭނިއަމް މުއްސަނދިކުރާ މިންވަރު ސައްތައިން 60 އަށް އުފުލާފައިވާތީ، އައިއޭއީއޭ އާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސައްތައިން 90 ގެ މިންވަރާ ވަރަށް ގާތް އަދަދެކެވެ. މިފަދަ ކުރިއަރާފައިވާ ފަންނީ ގާބިލުކަން އީރާނުން ބޭނުންކުރަމުން ދަނީ އެ ގައުމަށް ކުރިމަތިވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބާރުއެޅުމުގެ ވަސީލަތެއްގެ ގޮތުގައެވެ.

އީރާނުގެ ގާނޫނުއަސާސީ ހަމަޖެހިފައިވާ ގޮތުން، ޚާރިޖީ ގުޅުންތަކާއި މަޝްވަރާތައް ހިންގުމުގައި ރައީސާއި ޚާރިޖިއްޔާ އިސްކޮށް އުޅުނު ނަމަވެސް، ސްޓްރެޓީޖިކް ދިފާއީ ކަންކަމާއި ނިއުކްލިއާ ސިޔާސަތުގެ އެންމެ ފަހުގެ ނިންމުން ނިންމެވުމުގެ ބާރު އޮންނަނީ އެންމެ މަތީ ވެރިޔާ އަށެވެ. އަނެއްކޮޅުން، އެމެރިކާ، އިޒްރޭލު އަދި ޔޫރަޕްގެ ގައުމުތަކުން އީރާނުގެ މި ވާހަކަތަކާމެދު އަދިވެސް ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، ޔޫރޭނިއަމް މުއްސަނދިކުރުން ހަގީގަތުގައި ވެސް ދަށްކޮށް، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ފުރިހަމަ ދެފުށްފެންނަ ގޮތެއްގައި ބެލުމުގެ ފުރުސަތު ނުދެނީސް މި ބަސްތަކަށް އިތުބާރެއް ނުކުރެވޭނެއެވެ.