ފަލަސްތީނުގެ ރައްޔިތުންގެ ގާނޫނީ ހައްގުތައް އަލުން ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ޗައިނާއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި، އިންސާފު ލަސްވެދާނެ ނަމަވެސް އެ އިންސާފު ދުވަހަކުވެސް ގެއްލިގެން ނުދާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުންތަކެއްގައި އޭނާ ވަނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަދަކަމުން ޔަހޫދީ ވަޒަންވެރިން އާބާދުކުރުން ވަގުތުން ހުއްޓާލުމަށާއި، ޣައްޒާއަށް ވަދެނުކުމެވޭނެ މަގުތައް ފުރިހަމައަށް ހުޅުވާލުމަށްވެސް ގޮވާލައްވާފައެވެ.
އަޒަރުބައިޖާނުގެ ބާކޫގައި ކުރިއަށްދިޔަ ސީއައިސީއޭ (ސިކާ) ގެ ހަތްވަނަ ސަމިޓުގެ ހަވާސާގައި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވާސެން އަޣާބެކިއަން ޝާހީންއާ ބައްދަލުކުރައްވައި ވަންގް ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ނުލިބި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުނުކުރެވޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އެއްފަރާތްކޮށްލައިގެން ނުވާނެ ކަމަށާއި، މަރުގެ ތުންފަތްމަތީގައި ތިބި ޣައްޒާގެ ދެ މިލިއަން ރައްޔިތުންގެ ހާލަތު ދުނިޔެ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި އަނިޔާ ލިބެމުންދާ ގައުމުތަކާއި އިންސާފުގެ ފަރާތުގައި ޗައިނާ އަބަދުވެސް ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މީގެއިތުރުން، އެ ސަމިޓުގެ ތެރެއިން އިސްރާއީލުގެ ރައީސް އައިޒަކް ހަރޒޮގްއާ ބައްދަލުކުރައްވައި ވަންގް ޔީ ވަނީ، ފަލަސްތީނުގެ މައްސަލައަކީ "މި ގަރުނުގައި ހިނގަމުންދާ އެންމެ ބޮޑު ތާރީޚީ ބޭއިންސާފު" ކަމުގައި ޗައިނާއިން ދެކޭ ކަމަށް ވިދާޅުވެފައެވެ. ސަރަހައްދީ މަސްރަހު މިހާރު އޮތީ ނުހަނު ނުތަނަވަސް ހާލަތެއްގައިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ސުލްހައާއި ހަމަޖެހުން އޮތީ އަދިވެސް ވަރަށް ދުރުގައި ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި ރަނގަޅު މަގަކީ ދެ ދައުލަތް ގާއިމުކުރުމުގެ ހައްލު ކަމަށާއި، އިސްރާއީލީންނާއި ފަލަސްތީނު މީހުންނަށްވެސް ސުލްހައިގައި ދިރިއުޅުމާއި މިނިވަން ދައުލަތެއް އުފެއްދުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަންގް ފާހަގަކުރެއްވި ގޮތުގައި، ޣައްޒާގައި ތިބި ދެ މިލިއަން މީހުން އިތުރު އިންސާނީ ކާރިސާއަކާ ކުރިމަތިލާން ޖެހުމުން ސަލާމަތްކުރުމަށްޓަކައި، އެ ސަރަހައްދަށް ވަދެވޭނެ މަގުތައް ފުރިހަމައަށް ހުޅުވާލުމަކީ މި ވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންތަކެވެ. ހަމައެއާއެކު، ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރުން ހުއްޓުވައި، އެ ނިންމުންތައް އަނބުރާ ގެންދިއުމަށް އިސްރާއީލަށް ގޮވާލެއްވިއެވެ. މީގެއިތުރުން 2027 ވަނަ އަހަރަކީ އިސްރާއީލާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 35 އަހަރު އަދި ދެ ގައުމުގެ ޕާޓްނާޝިޕަށް 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް މަސައްކަތްކުރަން ޗައިނާ ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އެމެރިކާގެ ވާގިވެރިކަމާއެކު އިސްރާއީލުން ޣައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް 74،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަމަލާތަކުގައި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ. މީގެއިތުރުން، އިރުމަތީ ގުދުސް ހިމެނޭހެން ހިފާފައިވާ ހުޅަނގު އައްސޭރީގައިވެސް ފަލަސްތީނު ރައްޔިތުންނަށާއި އެމީހުންގެ މުދަލަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދޭ ހަމަލާތައް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
ޗައިނާއިން އަބަދުވެސް ބާރުއަޅަމުން އަންނަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން، މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށެވެ. އަދި އދ. ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި "ބިމުގެ ބަދަލުގައި ސުލްހަ" ގެ އުސޫލުތަކަށް އަމަލުކުރުމަށް އެ ގައުމުން އަބަދުވެސް ގޮވާލައެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ދައުރު އަދާކުރަމުން، ސަރަހައްދުގެ އިގްތިސާދީ އަދި ހަކަތައިގެ މަސްލަހަތުތައް ދަމަހައްޓައި، ފަލަސްތީނަށް ތާއީދުކުރާ "ގްލޯބަލް ސައުތު" ގެ ގައުމުތަކާ އެކު އޮތް އެއްބައިވަންތަކަން ދެއްކުމަކީވެސް މި މައްސަލައިގައި ޗައިނާގެ މުހިންމު ސްޓްރެޓީޖިކް އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!