ސްޕެއިނާއި މިސްރު ބައްދަލުކުރި މެޗެއްގައި ސަޕޯޓަރުން މުސްލިމުންނަށް ނިސްބަތްކޮށް ގޮވި ބަސްތަކަކާއި ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އަށް ދިން އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފު ކުރުމަށް ސްޕެއިނުން ނިންމައިފިއެވެ.

ސްޕެއިނުން ކުޅިވަރުގެ އެންމެ މަތީ ކޯޓަށް މި މައްސަލަ ގެންދަން ނިންމީ ފީފާއަށް ހުށަހެޅި އިސްތިއުނާފު އެ އިދާރާއިން ބޭރުކޮށްލުމާ ގުޅިގެންނެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފީފާއިން ވަނީ ސްޕެއިންގެ ފެޑެރޭޝަން 20،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އަދި އޭގެ އިތުރުން، ސްޕެއިންގައި ދެން ކުޅޭ އެކުވެރިކަމުގެ މެޗެއްގައި، ސަޕޯޓަރުންނަށް ސްޓޭޑިއަމްއިން ލިބެން ހުންނަ ޖާގައިގެ މަދުވެގެން 15 އިންސައްތަ ސަރަހައްދެއް ބަންދުކުރުމަށް ވެސް ފީފާއިން ވަނީ އަމުރުކޮށްފައެވެ. މި އަދަބުތައް ކަނޑައެޅީ މިދިޔަ މާޗު މަހު ބާސެލޯނާ ކައިރީގައި ހުންނަ އެސްޕަންޔޯލްގެ ދަނޑު ކަމަށްވާ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މެޗަކާ ގުޅިގެންނެވެ. ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

އެ މެޗުގެ ތެރޭގައި ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ "ފުމެނުލައިފިނަމަ ކަލެއަކީ މުސްލިމެއް" ކަމަށް ބުނެ އަޑުއުފުލައިފައެވެ. އެފަދައިން ދެވަނަ ފަހަރަށް ގޮވުމާ ގުޅިގެން، ސްޓޭޑިއަމްގެ އެނައުންސަރު ވަނީ އެކަން ހުއްޓުވުމަށް ސަޕޯޓަރުންނަށް އިންޒާރު ދީފައެވެ. އަދި ދަނޑުގެ ސްކޯބޯޑުގައި ވެސް ވަނީ ތަފާތުކުރުންތަކާ ދެކޮޅު މެސެޖެއް ދައްކައިފައެވެ. އެ ދުވަސްވަރު މި އަމަލު ކުށްވެރިކުރަމުން، ސްޕެއިންގެ މުސްލިމް ވިންގަރު ލަމީން ޔަމާލް ބުނެފައިވަނީ އެއީ އިހުތިރާމް ކުޑަ، އަދި ކެތްނުކުރެވޭނެ ފަދަ އަމަލެއް ކަމަށެވެ. އަދި އެކަން ކުރި މީހުންނަކީ "ޖާހިލު، ނަސްލީ ތަފާތުކުރުން ގެންގުޅޭ ބައެއް" ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާ ހިނގި ދުވަހުގެ ޖެހިގެން އައި ދުވަހު ސްޕެއިންގެ ފުލުހުން ތަހުގީގެއް ފެށިއިރު، ފީފާއިން ވެސް ފަހުން ވަނީ ސްޕެއިންގެ ފެޑެރޭޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މައްސަލައެއް ބަލަން ފަށައިފައެވެ. ސްޕެއިންގެ ފެޑެރޭޝަނުން ވަކާލާތުކުރި ގޮތުގައި "މުސްލިމް" މި ލަފުޒަކީ އެއްވެސް ހާލެއްގައި ކުޑައިމީސް ނުވަތަ ހުތުރު ބަހެއް ނޫނެވެ. އެހެންކަމުން ސަޕޯޓަރުންގެ އަމަލު ބަލަންވާނީ ތަފާތުކުރުމާއި ނަސްލީ ގޯނާއާ ބެހޭ ފީފާގެ 15 ވަނަ މާއްދާގެ ދަށުން ނޫން ކަމަށާއި، ސިޔާސީ، ފިކުރީ، ދީނީ ނުވަތަ ހިތްހަމަނުޖެހޭ މެސެޖުތަކާ ބެހޭ 17 ވަނަ މާއްދާގެ ދަށުން ކަމަށް އެ ފެޑެރޭޝަނުން ބުންޏެވެ.

ނަމަވެސް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އެ ދިފާއު ބަލައިނުގަންނަން ނިންމައިފައެވެ. ފީފާއިން ބުނީ 15 ވަނަ މާއްދާ ހިންގުމަށްޓަކައި ސީދާ ހުތުރު ލަފުޒެއް ބޭނުންކުރުން ލާޒިމު ނޫން ކަމަށެވެ. އަދި ވަކި ހާލަތެއްގައި ބަހެއް ބޭނުންކުރެވެނީ "މަލާމާތްކުރުމަށް، ފުރައްސާރަކުރުމަށް ނުވަތަ ދަށް ފަންތިއެއްގެ މީހެއްކަން ދެއްކުމަށް" ކަމަށްވާނަމަ އެއީ ތަފާތުކުރުމެއް ކަމަށް ބެލެވޭނެ ކަމަށް ވެސް ފީފާއިން ބުންޏެވެ. ސްޕެއިނުން ހުށަހެޅި އިސްތިއުނާފު މިދިޔަ ހަފުތާގައި ބޭރުކޮށްލާފައިވާ ކަމަށް ފީފާގެ ތަރުޖަމާނު ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފައެވެ.

ފީފާގެ އެ ނިންމުމާ ގުޅިގެން އާރްއެފްއީއެފްގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ ހާދިސާ ހިނގިކަން އެނގުނު ވަގުތުން ފެށިގެން އެ ފެޑެރޭޝަނުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ.

"މީގެ އިތުރުން، އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގޮވުންތައް ތަކުރާރުނުވާކަން ކަށަވަރުކުރެވުނު. އަދި ދަނޑުގައި ތިބި ސަޕޯޓަރުން އަމިއްލައަށް ވެސް އެފަދަ އަމަލުތައް ބަލައިނުގަންނަކަން ހާމަކުރި،" އޭނާ ވިދާޅުވިއެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، މީގެ ކުރިން ހިނގާފައިވާ މިއަށްވުރެ ސީރިއަސް މައްސަލަތަކުގައި ވެސް ސްޓޭޑިއަމްގެ ޖާގަ މަދުކުރުމުގެ އަދަބު މިފަދަ ގޮތަކަށް ދީފައިނުވާއިރު، ފީފާއިން ދިން އަދަބަކީ އިންތިހާއަށް ބޮޑު އަދަބެއް ކަމަށެވެ. އެ ސަޕޯޓަރުންގެ އަޑުތައް ފާހަގަކުރެވުނީ ފެޑެރޭޝަންގެ މޮނިޓަރިން ނިޒާމުތަކުން ކަމަށާއި، ވަގުތުން މެޗުގެ އޮފިޝަލުންނަށް އަންގައި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރި މީހުން ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް ފެޑެރޭޝަނުން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.