ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނިޒާމް އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކަ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް، ހ. ހުދުރިޔާ، އިބްރާހިމް ނިޒާމް ވަނީ އައްޔަންކޮށްފައެވެ.

Ad
rt

ނިޒާމަކީ ވެސް ސްޓެލްކޯގެ ބޯޑު މެމްބަރެކެވެ. ނިޒާމް ސްޓެލްކޯ ބޯޑަށް ޢައްޔަނުކޮށްފައި ވަނީ 26 ސެޕްޓެމްބަރު 2026 ގައެވެ.

މި ދެ ބޭފުޅުން މަޤާމުތަކަށް އައްޔަންކޮށްފައިވަނީ 15 އޮކްޓޯބަރ 2026 ވަނަ ދުވަހުން ފެށިގެން ކަމަށް ޕީސީބީން ބުނެއެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން މިހާރު ވަނީ މަޤާމުން ވަކިކޮށްފައެވެ.

ފެނަކަ ކުންފުނީގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާ މި ހަވާލުކުރީ، ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ކުންފުނިތައް އެއްކޮށްލުމުގެ މަރުހަލާގެ ތެރެއިން، މިހާރު ފެނަކައިގެ ދަށުން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ އޮޕަރޭޝަންތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.