ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: މެޑަމް ސާޖިދާ

ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: މެޑަމް ސާޖިދާ

Ad
rt

ކޮންމެ ގެއަކާއި ގޯއްޗެއްގެ ތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، މާހައުލުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ އަދި ރަނގަޅު ކާނާ ހޯދުމަށް ފަހިކުރެވިދާނެ ފުރުޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި އެކަމަނާ ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ވެސް ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވިދާނެ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ގޭގޭގައާއި ގޯތިތެރޭގައި މިފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށާއި ޞިއްޙަތަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ މި ދާއިރާގެ އެންމެހައި ޚިދުމަތްތެރިންނަށް އަރިސްކުރައްވަމުން، ކޮންމެ ދިވެއްސަކީވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރިވާ ރައްޔިތަކަށް ވުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، ގަސްގަހާގެހި ހައްދައި ބެލެހެއްޓުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށްވެސް މެޑަމް ސާޖިދާ ވަނީ ހަނދުމަފުޅުކޮށް އަރުވާފައެވެ.

ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ މީސްމީޑިއާ މެދުވެރިކޮށް ޚާއްޞަ މެސެޖެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި ބޭރުން ތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން އަމިއްލަ ފަސްގަނޑުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަކީ ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ އެކި ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ހަމައެއާއެކު، ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާވެގެން ދިޔުމަކީ ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓުމަށް އެހީތެރިވެދީ، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެގެންދާނެ ސަބަބެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ ގޮތަށް ކުރިއަށްދެވޭނެ މަގުތައް ކޮށައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ސާބިތު އަޒުމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.