އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގައި ބުދަ ދުވަހުގެ ރޭ ނިއުޔޯކް ސިޓީ އެފްސީ އަތުން 0-2 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިއާމީން މި ސީޒަނުގެ ޕްލޭއޮފުން ޖާގަ ކަށަވަރުކޮށްފިއެވެ.
މި މެޗުގައި މިއާމީގެ ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ލުއިސް ސުއަރޭޒް ކަމަށްވާއިރު، ދެވަނަ ލަނޑު ރޮޑްރީގޯ ޑި ޕައުލް ކާމިޔާބުކުރީ ލިއޮނެލް މެސީ ދިން ޕާހަކުންނެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ޖާމަން ބާޓަރާމޭ ވަނީ އޭނާގެ މި ސީޒަނުގެ އަށްވަނަ ލަނޑު ޖަހައި މިއާމީއަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ޑި ޕައުލް ވަނީ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ނިއުޔޯކް ސިޓީގެ ނިކޮލަސް ފެނާންޑޭޒް ފޮނުވާލި ޕެނަލްޓީ، މިއާމީގެ ކީޕަރު ޑޭން ސެއިންޓް ކްލެއާ ދިފާޢުކޮށް، ޖެހިޖެހިގެން ދެވަނަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައިވެއެވެ.
މިއީ ޖުލައި މަހަށްފަހު އިންޓަ މިއާމީން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހު ޑީސީ ޔުނައިޓެޑް އަތުން 0-4 އިން މޮޅުވި މެޗަށްފަހު ހޯދި މި ކާމިޔާބީއަކީ، ސެޕްޓެމްބަރު 16 ގައި އެ ޓީމާ ހަވާލުވި ކޯޗު ކްރިސްޓިއަން "ކިލީ" ގޮންޒާލެސްގެ އިރުޝާދުގެ ދަށުން ލީގުގައި ހޯދި ދެވަނަ މޮޅެވެ.
2023 ވަނަ އަހަރު މެސީ އެ ޓީމާ ގުޅުނުއިރު ޕްލޭއޮފަށް ކޮލިފައި ނުވެވުނު ނަމަވެސް، އޭގެ ފަހުން ވޭތުވެދިޔަ ތިން ސީޒަނުގައިވެސް މިއާމީ ވަނީ ޕްލޭއޮފަށް ދަތުރުކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފުރަތަމަ ބުރުން އެޓްލާންޓާ ޔުނައިޓެޑް އަތުން ބަލިވި ނަމަވެސް، މިދިޔަ އަހަރު ވެންކޫވާ ބަލިކޮށް އެ ކްލަބުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފައެވެ.
އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދީ، އޭގެ މަހެއްހާ ދުވަސް ފަހުން ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާވި މެސީއަށް މި އަހަރަކީ ގިނަ ގޮންޖެހުންތަކާއި އުސްއަލިތައް ފެނިގެންދިޔަ އަހަރެކެވެ. އެހެންނަމަވެސް، މި ސީޒަނުގެ އެމްއެލްއެސް ޕްލޭއޮފުން ޖާގަ ހޯދުމާއެކު، އަނެއްކާވެސް އިތުރު ތައްޓެއް ކާމިޔާބުކުރުމުގެ ފުރުޞަތު މެސީއަށާއި އިންޓަ މިއާމީއަށް މިހާރު ވަނީ ތަނަވަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!